އުރީދޫ އިން މި ރޯދަ މަހަށް ހާއްސަކޮށްގެން ބާއްވާ އުރީދޫ ބޮކީ ބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އިތުރުކޮށްފި އެވެ.

އުރީދޫ ބޮކި ބޯޅަ މުބާރާތަކީ ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރު ކަމަށްވާ ފުޓުބޯޅައަށް ތަފާތު އަދި މަޖާ ބަދަލުތަކެއް ގެނެސްގެން ކުޅޭ ބަމްޕަ ފުޓްބޯޅަ އެވެ. މި މުބާރާތް އިންތިޒާމްކޮށްފައި ވަނީ އުރީދޫ ގެ ބްރޭންޑް އެމްބަސަޑަރު މާޒިޔާ ސްޕޯޓްސް ރެކްރިއޭޝަން ކްލަބާއެކު އެވެ.

ބަމްޕަ ފުޓުބޯޅައިގެ މަޖާ ތަޖުރިބާކުރުމުގެ ފުރުސަތު ހޯދުމަށް ކޯޕަރޭޓްތަކަށް އުރީދޫގެ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓާ ވެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. ރެޖިސްޓަ ވުމަށް http://ore.do/bokiboalha ޒިޔާރާތްކުރާށެވެ. މި މުބާރާތަށް ރަޖިސްޓްރީވުމުގެ ފުރުސަތު މާދަމާ މެންދުރު 12 އަށް ވަނީ އިތުރުކޮށްފަ އެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ އޭޕްރީލް 6 އިން 8 އަށެވެ.

މުބާރާތުން މޮޅުވާ ޓީމްތަކަށް ހާއްސަ އަގުހުރި އިނާމުތަކެއް ވެސް ދޭން ވަނީ ނިންމައިފަ އެވެ. އެއްވަނަ އަށް ހޮވޭ ޓީމަކަށް 20،000 ރުފިޔާ، ދެ ވަނަ އަށް ހޮވޭ ޓީމަށް 10،000 ރުފިޔާ އަދި ތިން ވަނަ އަށް ހޮވޭ ޓީމަށް އިނާމެއްގެ ގޮތުގައި 5،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މުބާރާތުގައި ބައިވެރިވާ 12 ޓީމު ހަތަރު ގްރޫޕަކަށް ބަހާލާފައިވާއިރު، ކޮންމެ ގްރޫޕަކުން ވެސް އެއްވަނަ ހޯދާ ޓީމެއް ސެމީ ފައިނަލަށް ދަތުރުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށް ވާދަކުރާނެ އެވެ. 12 އަށް ވުރެ ގިނަ ޓީމު ރަޖިސްޓްރީކޮށްފި ނަމަ ޓީމުތައް ހޮވާނީ ލަކީ ޑްރޯއަކުންނެވެ. ކޮންމެ ޓީމެއްގައި 8 ކުޅުންތެރިންނާއި ގިނަވެގެން ތިން އޮފިޝަލުން ތިބެންޖެހެ އެވެ. މެޗެއް ފަށަން މަދުވެގެން ފަސް ކުޅުންތެރިން ބޭނުންވާނެ އެވެ.

މުބާރާތުގެ ކޮންމެ މެޗެއް ވެސް 10 މިނެޓަށް ދެމިގެންދާއިރު، ތިން މިނެޓުގެ ބްރޭކަކާއެކު ދެ ހާފް ހިމެނޭނެ އެވެ. ގްރޫޕް ސްޓޭޖުގެ މެޗުތަކުގައި މޮޅުވެއްޖެނަމަ ތިން ޕޮއިންޓް އަދި އެއްވަރުވުމުން އެއް ޕޮއިންޓް ލިބޭނެ އެވެ. ނޮކްއައުޓް ސްޓޭޖުގައި ދެ ޓީމެއް އެއްވަރުވެއްޖެ ނަމަ ޕެނަލްޓީ ޝޫޓްއައުޓް އޮންނާނެ އެވެ.

އުރީދޫ އަދި މާޒިޔާއިން އުރީދޫ ބޮކި ބޯޅަ އަކީ ބައިވެރިންނަށް ތަފާތު އަދި މަޖާ މުބާރާތަކަށް ވެގެންދާނެކަމުގެ ޔަގީންކަން ދެ އެވެ.