އުރީދޫ މޯލްޑިވްސް އިން ފަން ރަން – އެންމެ އުފާވެރި ދުވުން، މި މެއި މަހު ހދ. ކުޅުދުއްފުށީގައި ބާއްވަން ހަމަޖެހިފައިވާ ކަމަށް އިއުލާނުކޮށް ރެޖިސްޓްރޭޝަނަށް ހުޅުވާލައިފި އެވެ.

އުރީދޫ ފަން ރަން ކުޅުދުއްފުށި އެޑިޝަންގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް http://ore.do/funrunkit މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.

އުރީދޫ ފަން ރަން އަކީ ކޮންމެ އަހަރަކު ބާއްވަމުން އައި އުރީދޫ ކަލަ ރަން އަޕްގްރޭޑްކޮށް ކުލައިގެ އިތުރުން މަޖާ ހަރަކާތްތަކާއެކު ބާއްވާ ދުވުމެކެވެ. މިދިޔަ އަހަރު އުރީދޫ ކަލަ ރަން ފަން ރަންއަށް އަޕްގްރޭޑްކޮށް، ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މަޖާ މި ހަރަކާތްތަކުގައި 5000 އަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފަ އެވެ. ފަން ރަން ކުޅުދުފުށި އަންނަ މެއި 5 ގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިއީ މިއަހަރު ހދ. އަތޮޅުގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ މަޖާ ހަރަކާތައްވެގެންދާނެ ކަމަށް އުރީދޫން ބުނެ އެވެ.

ހަ އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު، ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށް ވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމަކަށް ވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

"އުރީދޫ ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުން. އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލަގައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުން ވެސް މި ދުވުން ނިންމިދާނެ،" އުރީދޫން ބުންޏެވެ.

އުރީދޫ ފަން ރަން - ކުޅުދޫފުށި ކިޓްތައް ލިބެން ހުންނަ ދެ ކެޓަގަރީ އަކީ ސްޓޭންޑަޑް ކިޓްސް އަދި ފަން ކިޓްސް ކެޓަގަރީ އެވެ. ސްޓޭންޑަޑް ކިޓްގައި ފަން ރަން ޓީޝާޓް އަދި ރިސްޓްބޭންޑް ހިމެނޭ އިރު އަގަކީ 100 ރުފިޔާއެވެ. 200 ރުފިޔާއަށް ލިބޭ ފަން ކިޓްގައި އުރީދޫ ފަން ރަން ޓީޝާޓްގެ އިތުރުން ރިސްޓްބޭންޑަކާއި، ފޮތި ދަބަސް އައިނު އަދި ބަންޑާނާ ހިމެނެ އެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ ހުރިހާ ފަރާތްތަކުން ވެސް އިންތިޒާރުކުރާ މި މަޖާ ހަރަކާތް ހދ. ކުޅުދުއްފުއްޓަށް ގެނެސް، ހދ. އަތޮޅުގެ ކުދި ބޮޑު އެންމެހާ ބޭފުޅުންނަށާއި ޒިޔާރަތްކުރާ ފަރާތްތަކަށް އުރީދޫ ފަން ރަންގެ އުފާވެރިކަމާއި މަޖާ ތަޖުރިބާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

" ފަން ރަން ގެ އަމާޒަކީ ދުޅަހެޔޮ އަދި ހަރަކާތްތެރި ދިރިއުޅުމެއް ހާސިލްކުރުމަށްޓަކައި ދުވުމަކީ މަޖާ ކަމެއްގެ ގޮތުގައި ޕްރޮމޯޓްކޮށް، އުފާވެރި އަދި މަޖާ ވަގުތުކޮޅެއް ހޭދަކޮށްލުމަށް މީހުން އެއްތަނަކަށް ގެނައުން." އޭނާ ވިދާޅުވި އެވެ.

އުރީދޫ ފަން ރަންގައި ރަޖިސްޓްރީވުމުގެ ފުރުސަތު މިމަހުގެ 13ގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ. އަދި މި މަޖާ ހަރަކާތުގައި ބައިވެރިވުމަށް އުރީދޫއިން ހުރިހާ ފަރާތްތަކަށް ދައުވަތު އަރުވަ އެވެ.