އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަކަށް މއ. ކޮށީގެ އަބްދުﷲ ސައީދު މިއަދު އައްޔަންކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، މޯލްޑިވްސް ސްޓޭޓް ޝިޕިން ކުންފުނީގެ ވެސް އެމްޑީއަކަށް މިހާތަނަށް ހުންނެވި ސައީދާ، ލިޔުން ހަވާލުކުރެއްވީ ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް އާސިމް މުހައްމަދެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަކަށް ސައީދު އައްޔަންކުރަން މި ނިންމީ، އެ މަގާމުގައި ހުންނެވި ހުސެއިން އަމްރު މިިދިޔަ މަހުގެ ފަހުކޮޅު ވަކިކުރެއްވުމަށް ފަހު އެވެ.

ސައީދު، ކެބިނެޓް ސެކްރެޓަރީގެ މަގާމު އަދާކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. ނަމަވެސް 2011 ގައި އެ މަގާމުން އިސްތިއުފާ ދެއްވުމުން އޭނާއާ ހަވާލު ކުރެއްވީ ސިންގަޕޫރުގައި ހުންނަ މޯލްޑިވްސް ނޭޝަނަލް ޝިޕިން ލިމިޓެޑް (އެމްއެންސީއެލް) އޮފީސް ހިންގުމެވެ. އެ އޮފީސް ބަންދު ކުރަންދެން ސައީދު ހުންނެވީ އެ ތަނުގެ ޑިރެކްޓަރުގެ މަގާމުގަ އެވެ.

އެ މަގާމާ ހަވާލުވުމުގެ ކުރިން އޭނާ އަކީ އޭރު ސިންގަޕޫރުގައި ހުރި މޯލްޑިވްސް ނޭޝަނަލް އޮއިލް ކޮމްޕެނީ (އެމްއެންއޯސީ) ގެ ޗެއާމަން ވެސް އޭނާ ކުރެއްވި އެވެ.

ސައީދަކީ ނަޝީދުގެ ވެރިކަމުގައި އެ މަނިކުފާނުގެ އެންމެ ގާތް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އަދި އެމްޑީޕީ އުފެއްދުމުގައި ވެސް އިސް ދައުރެއް އޭނާ އަދާކުރެއްވި އެވެ.

އަމްރު މަގާމުން ވަކިކުރީ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރަން ގެންނަ ބަދަލުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

އަމްރު މަގާމުން ވަކިކުރިއިރު އޭނާ ގެންދެވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނާ ގުޅިގެން ސިޔާސީ ހަރާކާތްތަކެއް ހިންގަމުންނެވެ.