ވިލާ ޓްރޭޑިން އިން ކުންފުނިތަކުގެ މެދުގައި ބާއްވާ އިސްލާމިކް ކުއިޒް މުބާރާތެއް ކަމަށްވާ "ރޯދަ ޓްރިވިއާ" ތައާރަފްކުރަން ނިންމައިފި އެވެ.

އެ ކުންފުނިން ބުނިގޮތުގައި ބަރަކާތްތެރި ރަމަޟާން މަހުގެ ތެރޭގައި ބާއްވާ މި ހަރަކާތަކީ ކުންފުނިތަކުގައި އިސްލާމްދީނާ ބެހޭ މައުލޫމާތު ފަތުރައި ދީނީ އިލްމު މުއްސަނދި ކުރުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ.

ވިލާ ޓްރޭޑިންގެ ރަސްމީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ތެރެއިން އިންސްޓަގްރާމް އަދި ފޭސްބުކްގައި ވެސް މި މުބާރާތުގެ ހުރިހާ އެ ޕިސޯޑުތަކެއް ދައްކާލާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އެގޮތުން މި މުބާރާތުގެ ފުރަތަމަ އެޕިސޯޑް ވަނީ މިހާރު ވިލާ މާޓުގެ ސޯޟަލް މީޑިއާ ޕޭޖުތަކަށް ލާފައި ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ވިލާ ޓްރޭޑިން އިން ބުނީ "ރޯދަ ޓްރިވިއާ" ގައި ބައިވެރިވި ބައެއް ކުންފުނިތަކުގެ ތެރޭގައި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ، އަމާނާ ތަކަފުލް، އެސްޑީއެފްސީ، އެފްޑީސީ، ރާއްޖެ އޮންލައިން، އުރީދޫ މޯލްޑިވްސް، އެމްއެމްއޭ، ވިލާ ޓްރެވަލްސް، ވިލާ ކޮލެޖް އަދި ވިލާ ޟިޕިންގް އެންޑް ޓްރޭޑިން މި ކުއިޒްގައި ފެނިގެންދާނެ ކަމަށެވެ.

https://www.facebook.com/VillaMartmv/videos/182144234594809

މި ކުއިޒް ކުރިއަށް ގެންދާނީ ރެޕިޑް ފަޔާ ސްޓައިލްގަ އެވެ. މިއީ ކޮންމެ ޓީމަކަށް ވެސް ދެވިފައިވާ 1 މިނެޓާއި 30 ސިކުންތުގެ ތެރޭގައި ވީހާ ވެސް ގިނަ ސުވާލުތަކަށް ޖަވާބު ދިނުމެވެ.

މި މުބާރާތުގެ އިނާމުތަކުގެ ތެރޭގައި އެއްވަނަ ލިބޭ ޓީމަކަށް ހަތަރު މީހުންގެ އެއް ރޭގެ ރިސޯޓް ދަތުރާއި ދެވަނައަށް ދާ ޓީމަކަށް ސިމްފޯނީ މޯލްޑިވްސް އިން ސްޕޮންސާ ކުރާ 4 މީހުންގެ ކެއުމާއި ތިންވަނައަށް ދާ ޓީމަކަށް ވިލާ މާޓުން ގިފްޓް ވައުޗަރު ލިބިގެންދާނެ އެވެ.

ވިލާ ޓްރޭޑިންގުން ދެކޭ ގޮތުގައި މި މުބާރާތަކީ ހުރިހާ ބައިވެރިންނަށް ވެސް ފޯރިގަދަ އަދި ތައުލީމީ މުބާރާތަކަށް ވާނެ އެވެ. އަދި މީގެ އިތުރުން މުވައްޒަފުންގެ ޢިލްމު ދައްކާލުމުގެ ފުރުސަތު ލިބި، ރަނގަޅު އިނާމުތަކާއެކު ކުންފުނިތަކުގެ މެދުގައި ވާދަވެރިކަން ދަމަހައްޓާނެ މުބާރާތަކަށް ވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.