ސްކޫލްތަކުގެ ހިނގުން ހަރުދަނާ ކުރުމުގެ ގޮތުން ޤާބިލް ޕްރިންސިޕަލުން އުފެއްދުމަށްޓަކައި، ޕްރިންސިޕަލުން ތަމްރީން ކުރުމަށް ބޭނުންވާ ހާއްސަ ސްކޮލަޝިޕް ޕްރޮގްރާމްތައް ސްޕޮންސާ ކުރުމަށް މާލޭ ވޯޓާ އެންޑް ސުވަރޭޖް ކަމްޕެނީ (އެމްޑަބްލިޔުއެސްސީ) އާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނާ އެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.

މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ، މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ޕާމަނަންޓް ސެކްރެޓަރީ އަހްމަދު އަލީ އެވެ. އަދި އެމްޑަބްލިޔުއެސްސީގެ ފަރާތުން އެމްޑީ ހަސަން ސާހު އެވެ. މި ރަސްމިއްޔާތުގައި މިނިސްޓްރީ އާއި އެމްޑަބްލިޔުއެސްސީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

މި ފަހުމުނާމާގެ ދަށުން، ރާއްޖޭގެ ސްކޫލްތަކަށް ބޭނުންވާ ޤާބިލް ޕްރިންސިޕަލުން އުފައްދާ ތަމްރީން ކުރުމަށްޓަކައި މާސްޓާސް ޑިގްރީ ލެވެލް ކޯހުގެ 10 ސްކޮޕަލަރޝިޕް އާއި އަދި ކުރު މުއްދަތުގެ 110 ކޯސް ސްޕޮންސާ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ދެ އަހަރު ދުވަހުގެ މުއްދަތައް ކުރިޔަށް ގެންދިޔުމަށް ރާވާފައިވާ މި ޕްރޮގްރާމްތައް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ އެމްޑަބްލިޔުއެސްސީގެ އިޖްތިމާޢީ ޒިންމާގެ ދަށުންނެވެ.

ރާއްޖޭގައި ސްކޫލްތައް ހިންގުމަށް ހާއްސަވެގެން ތަމްރީން ލިބިފައިވާ ބޭފުޅުން މަދުކަމާ އެކު ސްކޫލްތައް އެންމެ އެކަށީގެންވާ ގޮތެއްގައި ހިންގުމަށް ވަނީ ދަތިތަކެއް ދިމާވެފަ އެވެ. ދަރިވަރުންނަށް ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމާއި ސްކޫލްތަކުގައި ކިޔަވައިދިނުން ރަނގަޅު ކުރުމަށްޓަކައި ފެންވަރު ރަނގަޅު ޕްރިންސިޕަލުން ތިބުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. އަދި އިލްމީ ޤާބިލް ރަނގަޅު ޕްރިންސިޕަލުން ސްކޫލްތަކުގައި މަސައްކަތްކުރުމަކީ ދަރިވަރުން ރަނގަޅު ނަތީޖަ ހޯދުމަށް މެދުވެރިވާ ސަބަބެއް ވެސް މެއެވެ.

މުޖުތަމައަށް ނުހަނު ބޮޑަށް ބޭނުންޖެހިފައިވާ ރޮނގަކުން ދިވެހިން އުނގެނުމާއި ބިނާކުރުމަށް މިފަދަ ފުރުސަތެއް، އެމްޑަބްލިޔުއެސްސީގެ އިޖްތިމާއީ ޒިންމާގެ ދަށުން ފަހިކޮށް ދެވުމަކީ މި ކުންފުންޏަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލާކާއި ޝަރަފެކެވެ. އަދި މިއީ މުޖްތަމައަށް އޭގެ މަންފާ އާއި ލާބަ ނުހަނު ބޮޑަށް ލިބިގެންދާނެ ކަމެއްކަމުގައި ވެސް ކުންފުނިންން ދެކެމެވެ. އެމްޑަބްލިއުއެސްސީން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ މުޖްތަމައުގެ ކުރިއެރުމާއި، ލާބަ އާއި މަންފާއަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.