ވޯލްޑް ބޭންކުން ނެރުނު ރިޕޯޓުގައި ރާއްޖޭގެ މާލީ ހާލަތާ ގުޅޭ ގޮތުން ފާހަގަ ކޮށްފައިވާ ބައެއް ކަންކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް މިއަދު ރައްދު ދެއްވައިފި އެވެ.

ވޯލްޑް ބޭންކުން ދާދިފަހުން ނެރުނު ރިޕޯޓެއްގައި ވަނީ މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދު ވަރަށް ބޮޑަށް ރަނގަޅުވެ، ފަގީރުންގެ ނިސްބަތް ކޮވިޑްގެ ކުރިން ހުރި މިންވަރަށް ވުރެ ދަށަށް ދާނެ ކަމަށް ބެލެވުނު ނަމަވެސް، ބޭރުގެ ދަރަނި ބޮޑުވެ، ދުނިޔޭގެ މާލީ ބާޒާރުތައް ތާށިވުމުގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތަށް ނުރައްކާތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

ވޯލްޑް ބޭންކުގެ އެ ރިޕޯޓާ ގުޅިގެން އަމީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކަމާ ގުޅިގެން އަމީރު ވޯލްޑް ބޭންކުން ރާއްޖޭގެ އިގުތިސާދީ ދުވެލީގެ އަންދާޒާ ކުރިއަށްވުރެ ދަށްވާނެ ކަމަށް ލަފާކޮށްފައި ވަނީ 2021 ވަނަ އަހަރުގެ ޖީޑީޕީ ކުރިއެރި މިންވަރު ކުރިން ވާލްޑް ބޭންކުން އަންދާޒާކުރި މިންވަރަށް ވުރެ މަތިވެފައިވާތީ ކަމަށެވެ. އެއީ ހިސާބު ކުރުމުގައި އަންނަ ބޭސް އިފެކްޓް އާ ގުޅިގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ މި އަހަރުގެ މިހާތަނަށް ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު 2022 ވަނަ އަހަރާ އަޅާބަލާއިރު 21.5 ޕަސެންޓު އިތުރުވެފައިވާ ކަމަށެވެ. އަދި މި އަހަރު ރެކޯޑު މިންވަރަކަށް ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.

"އެހެންކަމުން އިގުތިސާދީ ކުރިއެރުން މިހާރުގެ އަންދާޒާތަކަށް ވުރެ މަތިވާނެ،" އަމީރު ވިދާޅުވި އެވެ.

ވޯލްޑް ބޭންކުން ނެރުނު ރިޕޯޓްގައި ވަނީ އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށް ހަރަދުކުރަން ރާވާފައިވުމުގެ ސަބަބުން ބަޖެޓުގެ ދަރަނި މަތިވާނެ ކަމަށް ބެލެވޭ ކަމަށެވެ. ވަކި ފަރާތެއް އިސްތިސްނާ ކުރުމެއް ނެތި އެންމެންނަށް ސަބްސިޑީ ދިނުމާއި ގެއްލުމުގައި ހިންގާ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ފައިސާ ދިނުމާއި މަޝްރޫއުތަކަށް ކުރާ ހޭދަ ބޮޑުވުމާއި ކުރިއަށް އޮތް އިންތިހާބާ ގުޅޭ ހަރަދުތަކުގެ ސަބަބުން ސަރުކާރުގެ މާލިއްޔަތަށް އިތުރު ހީނަރުކަމެއް އަންނާނެ ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ.