"މޯލްޑިވްސް ޓޫރިޒަމް ބުލެޓިން" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިފްތިތާހު ކޮށްދެއްވައިފި އެވެ.

"މޯލްޑިވްސް ޓޫރިޒަމް ބުލެޓިން"އަކީ އާ އަހަރާ ދިމާކޮށް ޓޫރިޒަމް މިނިސްޓްރީން ޓޫރިޒަމް ދާއިރާއަށް ޚާއްސަކޮށްގެން ނެރޭ "އީ- މެގަޒިން"އެކެވެ.

"މޯލްޑިވްސް ޓޫރިޒަމް ބުލެޓިން"ގެ ފުރަތަމަ އަދަދު ލޯންޗުކޮށްދެއްވުމަށް ފަހު ރައީސް ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީގެ އީމެގަޒިން އިފްތިތާޙު ކޮށްދެއްވުމަކީ އެ މަނިކުފާނަށް ލިބިވަޑައިގެންނެވި ފަޚުރެއް ކަމަށެވެ. އަދި އެ މެގަޒިންގެ ސަބަބުން ދަރިވަރުންނާއި ކަމާބެހޭ ފަރާތްތަކާއި ރާއްޖޭގެ ޒިޔާރަތްކުރާ ފަރާތްތަކަށް މުހިއްމު މަޢުލޫމާތުތަކެއް ލިބިގެންދާނެ ކަމަށް ޔަގީންކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މޯލްޑިވްސް ޓޫރިޒަމް ބުލެޓިން" ނަމުގައި ނެރޭ އެ މެގަޒިނަކީ އިނގިރޭސި ބަހުން މަހަކު އެއްފަހަރު ނެރުމަށް ހަމަޖެހިފައިވާ މެގަޒިންއެކެވެ. މި މެގަޒިންގައި އެކުލަވާލުމަށް ހަމަޖެހިފައިވަނީ ޓޫރިޒަމް މިނިސްޓްރީން ކުރަމުންދާ މުހިއްމު މަސައްކަތުތަކުގެ މައުލޫމާތުގެ އިތުރުން ޓޫރިޒަމާ ގުޅޭ ތަފާސް ހިސާބުތަކާއި ޓޫރިޒަމްގެ ޖަމްޢިއްޔާ ޖަމާއަތްތަކުން ހިއްސާކުރާ މުހިއްމު މައުލޫމާތުތަކާއި ޚަބަރުތަކާއި ޓޫރިޒަމް އިންޑަސްޓްރީގެ މުހިއްމު ޚަބަރުތައް ހިމެނޭ ގޮތަށެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ އިސްވަޒީފާއެއް އަދާކުރާ ދިވެއްސެއްގެ މަޢުލޫމާތާއި ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ޚިދުމަތްތެރި ކަނބަލެއްގެ މަޢުލޫމާތު މިމެގަޒިންގައި ހިމެނެ އެވެ.