ކާށި ނުލިބޭތީ 5،000 ރުއް އިންޑިއާގެ ކެރެލާ އިން އެގްރިކަލްޗާ މިނިސްޓްރީން ރާއްޖެ ގެނެސްފި އެވެ.

ރާއްޖޭގައި ރުއްގަހަށް ޖެހޭ ބަލިތައް ފެތުރުން ހުއްޓުވުމަށް ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން އެގްރިކަލްޗާ މިނިސްޓްރީން ވަނީ ކަމާ ގުޅުންހުރި ދާއިރާތަކާއެކު ދެ ދުވަހުގެ މުއްދަތަށް މަޝްވަރާ ބައްދަލުވުމެއް ބާއްވާފަ އެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެގްރިަކްޗާ މިނިސްޓަރު ޑރ. ޙުސައިން ރަޝީދު ހަސަން ވިދާޅުވީ ރުއްގަހަށް ޖެހޭ ބަލީގެ ސަބަބުން ކުރުނބާ އަދި ކާށި ލިބުން ދަތިވެފައި ވާތީ، އެކަމަށް ހައްލެއް ގެނައުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ރުކުގެ އާ ޖީލެއް އުފެއްދުމަށް 5،000 ރުއް ރާއްޖެ ގެނެސްފައިވާ ކަމަށާއި، އެ ރުއްތައް އަތޮޅުތަކުގެ ރަށްތަކަށް ބެހުމަށް ނިންމާފައިވާ ކަމަށް ޑރ. ހުސެއިން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ ރުއްތައް ބަހާނީ އެ ރުއްތަކުގައި ވެސް އެއްވެސް ބާވަތެއްގެ ބައްޔެއް ހުރިތޯ ކަށަވަރުކުރުމަށްފަހު ކަމަށެވެ. އަދި ރާއްޖެއަށް އެތެރެކޮށްފައިވާ 5،000 ރުއް އެ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ކަރަންޓީން ކޮށްފައިވާ ކަމަށް ވެސް ޑރ. ހުސެއިން ވިދާޅުވި އެވެ.

ރާއްޖޭގެ ބައެއް ރަށްތަކުގައި ރުއްގަހަށް ޖެހޭ ބައްޔެއް ކަމަށްވާ ބޮންތި ނައްތާލާ ސޫޓީމޯޅްޑް ހުރިކަމަށް ވާނަމަ، އަލަށް ގެނައު ރުއްތަކަށް އެ ބަލި ނުޖެހޭނެހެން އަމަލުކުރުމަށް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފަ އެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގައި ރުއްގަހަށް ޖެހޭ ބަލިތައް ދެނެގަތުމުގެ މުހިންމުކަން ފާހަގަކުރައްވައިފަ އެވެ. އެކަންކަމަށް ރަށު ފެންވަރުގައި ހޭލުންތެރިކަން އިތުރުކޮށް ދަނޑުވެރިންގެ އިތުރުން ވިޔަފާރީގެ ބޭނުމަަށް ގަސް ރާއްޖެއަށް އެތެރެކުރާ ފަރާތްތައް ވެސް އެކަން ކަމަށް ހޭލުންތެރިކުރުން މުހިންމު ކަމަށް ޑރ. ހުސެއިން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާލުވީ ރުއްގަހަށް ޖެހޭ ބަލިތައް ނައްތާލުމަށް ގައުމީ ފެންވަރުގައި މަސައްކަތް ކުރުމަށް، ބޭނުންވާ މައުލޫމާތުތައް މި މަޝްވަރާ ބައްދަލުވުމުން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ރުއްގަހަށް ޖެހޭ ބަލިތައް ނައްތާ ނުލެވިއްޖެ ނަމަ ދާއިމީ ގޮތެއްގައި ކާށި ރާއްޖެއަށް އެތެރެކުރަން ޖެހިދާނެކަމުގެ ކަންބޮޑުވުން މިނިސްޓަރު ފާޅުކުރެއްވި އެވެ.