މި ރޯދަމަހުގެ ފަހު ދިހާގައި އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ދަތުރުކުރާ ދިވެހިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ބާރު ބޮޑުވެއްޖެ އެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނިގޮތުގައި މިއަދު އެކަނި އުމްރާ ދާ މީހުން ގޮވައިގެން ހަތް ފްލައިޓް ފުރަން ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ފްލައިޓްތަކުން 1،200 އަށް ވުރެ ގިނަ މީހުން ފުރާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

އެމްއޭސީއެލްގެ އިސް އޮފިޝަލަކު ވިދާޅުވީ އުމްރާއަށް ދަތުރުކުރާ މީހުންނަށް އެހީތެރިވެ، ފްލައިޓްތައް ގަޑިއަށް ފުރުވާލުމަށް އެ ކުންފުނީގެ މުވައްޒަފުން ވަރަށް ހީވާގިކަމާއެކު މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން މިގެންދަނީ އުމްރާއަށްދާ މީހުންގެ ދަތުރުގެ ކަންތައްތައް ވީހާވެސް އޮމާންކަމާއެކު ގަޑިއަށް ނިންމާލަން. އަދި އޭގެ އިތުރުން ރާއްޖެއަށް އަންނަ އެހެން ފްލައިޓްތައް ވެސް ގަޑިއަށް ފުރުވާލަން މި ކުންފުނީގެ މުވައްޒަފުން ކެނޑިނޭޅި މަސައްކަތްކުރަމުން ގެންދޭ،" އޭނާ ވިދާޅުވި އެވެ.

އެއާޕޯޓުގެ ތެރޭގައި ތޮއްޖެހުން އިތުރުވެ، އޮޕަރޭޝަނަށް ދަތިވެދާނެތީ އުމްރާއަށް ފުރާ މީހުންނާއެކު އެއް ފަހަރާ ގިނަ މީހުން އެއާޕޯޓަށް ނުދިއުމަށް އެ ކުންފުނިން އިލްތިމާސްކުރެ އެވެ.

މިއަހަރު ހައްޖު ކޯޕަރޭޝަނާއެކު 14 ވަރަކަށް ގުރޫޕުން 2،000 އަށް ވުރެ ގިނަ މީހުން އުމްރާގެ އަޅުކަން އަދާކުރުމަށް ދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އުމުރާގެ އަޅުކަން އަދާކުރުމަށް މިއަދު އެކަނި ވެސް 1،200 އަށް ވުރެ ގިނަ މީހުން ފުރުމަށް ހަމަޖެހިފައިވާއިރު ކުރިއަށް އޮތް ހަތަރު ދުވަސް ތެރޭގައި އިތުރު 988 މީހުން ރާއްޖެއިން އުމުރާއަށް ފުރުމަށް ހަމަޖެހިފައިވާ ކަމަށްވެ އެވެ.

ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދީފައި ވަނީ 43 ޖަމާއަތަކަށެވެ.

އެނގިފައިވާ ގޮތުގައި ކޮވިޑް-19ގެ ބަލިމަޑުކަމަށް ފަހު ރާއްޖޭގައި ގިނަ ބަޔަކު އެންމެ ގިނައިން އުމްރާއަށް ދަނީ މިއަހަރު އެވެ.