މަސްގަނެ ރައްކާކުރަން މިފްކޯއިން އަލަށް ގަތް ބޯޓު "ޖަޒީރާ 103" މިއަދު ރާއްޖެ ގެނެސްފި އެވެ.

މިފްކޯއިން ބުނީ އެކުންފުނިން މަސް ގަތުމުގެ ކެޕޭސިޓީ އިތުރުކުރުމަށް އިތުރު ބޯޓެއް މިއަދު ރާއްޖެ ގެނެސްފައިވާ ކަމަށެވެ.

"ޖަޒީރާ 103" އަކީ ދުވާހަކު 120 މެޓްރިކް ޓަނު މަސްގަނެ ފިނިކުރުމުގެ ގާބިލުކަން ލިބިފައިވާ، ޖުމްލަ 420 މެޓްރިކް ޓަނުގެ މަސް ސްޓޯކުރެވޭ ބޯޓެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

މިފްކޯއިން މަސް ކިރުމުގެ މަސައްކަތަށް އިތުރު 3 ބޯޓު ގަނެފައިވާއިރު މިހާރު ކުރިއަށް ދަނީ މި ބޯޓުތަކުގެ ރަޖިސްޓްރޭޝަން ބަދަލުކުރުމުގެ މަސައްކަތް ކަމަށް ވެސް އެކުންފުނިން ބުނެ އެވެ.

ސަރުކާރުން ދަނީ މަސްވެރިންނަށް މަސް ކިރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިފްކޯއަށް މަސް ގަންނަ މިންވަރު އިތުރުކުރުމަށް އެކިއެކި މަޝްރޫއުތައް ދަނީ ހިންގަމުންނެވެ.

މިފްކޯއިން ގެނައި "ޖަޒީރާ 103"އަކީ ފަސޭހަކަމާއެކު ބޯޓްގެ ދެ ފަރާތުން އެއްފަހަރާ މަސް ކިރޭ ގޮތަށް ދެ ކްރޭން ހަރުކޮށްފައިވާ ބޯޓެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނީގެ ސީއީއޯ އިސްމާއީލް ފައުޒީ ވިދާޅުވި ގޮތުގައި "ޖަޒީރާ 103" އަކީ ފަސޭހަ ކަމާއެކު މަސްކިރުމުގެ ވަސީލަތްތައް ގާއިމް ކޮށްފައިވާ ބޯޓަކަށް ވުމުން، މަސްވެރިކަމުގެ މޫސުމުގައި އެންމެ ރަގަޅަށް މަސްބާނާ ސަރަހައްދަކަށް ދަތުރުކޮށް މަސްވެރިން ބާނާ މަސް ކިރުމަށް އިތުރު ލުއިސޭހަތަކެއް ލިބޭނެ އެވެ.

މިފްކޯ އިން ވަނީ 2021 ވަނަ އަހަރު ވެސް 300 ޓަނުގެ ސްޓޯރޭޖު ކެޕޭސިޓީ ހުރި ބޯޓެއް ހޯދައިފަ އެވެ. އެއީ ދުވާލަކު 120 ޓަން ފްރީޒް ކުރެވޭ ބޯޓެކެވެ. މަސް އެކްސްޕޯޓް ކުރުމަށްޓަކައި 2،400 ޓަނުގެ ކެރިއާ ވެސެލްއެއް ވެސް އެ ކުންފުނިން ވަނީ ގަނެފަ އެވެ.

މިފްކޯގެ މަސްކިރުމުގެ ގާބިލްކަން އިތުރުކުރުމަށްޓަކައި އެ ކުންފުނިން ވަނީ ސެންޓަރުތަކުގެ ފްރީޒިން އަދި ސްޓޯރޭޖް ކެޕޭސިޓީ އިތުރުކޮށް، ރާއްޖޭގެ އެކި ހިސާބުތަކުގައި އިތުރު މަސްގަންނަ ސެންޓަރުތަކެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.