އިޝްތިހާރު ހުޅުމާލޭ ފުރަތަމަ ފިޔަވަހިން ދިރިއުޅުމަށް ބީލަމުގެ އުސޫލުން 15 ބިމެއް ވިއްކަން އާބަންކޯ އިން މިއަދު އިއުލާނުކޮށްފި އެވެ.

މި ބިންތަކުގެ އަގު އުޅެނީ 8.2 މިލިއަން ރުފިޔާ އާއި 12.9 މިލިއަން ރުފިޔާއާ ދެމެދުގަ އެވެ. އެ ބިންތައް ވިއްކައިގެން އާބަންކޯއަށް ޖުމްލަ 170.8 މިލިއަން ރުފިޔާ ލިބޭނެ އެވެ.

އާބަންކޯއިން ކުރި އިއުލާނެއްގައިވާ ގޮތުން، މި ބިންތައް ގަތުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އެ ކުންފުނީގެ 'ބިޑް ޕޯޓަލް' މެދުވެރިކޮށެވެ.

އާބަންކޯއިން ބުނިގޮތުގައި ހުޅުމާލޭ ނެއިބަހުޑް 4 އަދި 5 ހިމެނޭ ސަރަހައްދުން ވިއްކުމަށް ހަމަޖެހިފައިވަނީ ބީޗު ފްރަންޓުން 1،270.15 އާއި 1،803.28 އަަކަފޫޓާ ދެމެދުގެ ފަސް ބިމެވެ.

ބީޗްސައިޑުން 1،644.83 އާއި 2،338.67 އަކަފޫޓާ ދެމެދުގެ 10 ބިން ވިއްކަން ވެސް ވަނީ ހަމަޖެހިފަ އެވެ. ބީޗުފްރަންޓުން ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 6،500ރ. އެވެ. އަދި ބީޗު ސައިޑުން ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 5،500ރ. އެވެ. މި ރޭޓުން ބަލާ ނަމަ ބީޗުފްރަންޓުގެ ފަސް ބިން ވިއްކައިގެން މަދުވެގެން 50.98 މިލިއަން ރުފިޔާ ލިބޭނެ އެވެ. އަދި ބީޗުސައިޑުގެ 10 ބިން ވިއްކައިގެން މަދުވެގެން 119.8 މިލިއަން ރުފިޔާ ލިބޭނެ އެވެ.

އާބަންކޯ އިން ބުނީ ކޮންމެ މީހަކަށް ވެސް ގަނެވޭނީ އެންމެ ބިމެއް ކަމަށެވެ. ބިން ގަތުމުގެ ފުރުސަތު ކާމިޔާބު ކުރާ ފަރާތްތަކަށް އެކަމުގެ ސިޓީ ފޮނުވާތާ 30 ދުވަހުގެ ތެރޭގައި ބިިމުގެ އަގު ދައްކަން ޖެހޭނެ ކަމަށް އިއުލާނުގައިވެ އެވެ.

ބިން ގަތުމުގެ ޝަރުތުތަކަކީ 18 އަހަރު ފުރިފައިވާ ދިވެއްސަކަށް ވުން ނުވަތަ، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ، %100 ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވުމެވެ.