ކުނި ނެގުމުގެ ހިދުމަތަށް ނަގާ ފީ ކަރަންޓް ބިލުގައި ހިމަނަން ގޭބީސީތަކުގެ ކަރަންޓް މީޓަރުތަކުގެ މައުލޫމާތު މިމަހުގެ 13 ވަނަ ދުވަހުގެ ކުރިން ފޯރުކޮށްދޭން ވެމްކޯއިން އެދެފި އެވެ.

ވެމްކޯއިން ފޯރުކޮށްދޭ ކުނި ނެގުމުގެ ހިދުމަތަށް ނަގާ ފީ މިމަހުގެ 1 ވަަނަ ދުވަހުން ފެށިގެން ސްޓެލްކޯގެ ކަރަންޓް ބިލުގައި ހިމަނަން ވަނީ ނިންމާފަ އެވެ.

ކަރަންޓް ބިލުގައި ކުނި ބިލު ހިމަނަން ނިންމާފައި ފާތީ ވެމްކޯއިން ވަނީ މީޓަރުތަކުގެ މައުލޫމާތު މިމަހުގެ 6 ވަނަ ދުވަހުގެ ކުރިން ފޯރުކޮށްދޭން މީގެ ކުރިން އަންގާފަ އެވެ. ނަމަވެސް އެ މުއްދަތު މިހާރު ވަނީ މި މަހުގެ 13 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފަ އެވެ.

ވެމްކޯއިން ބުނީ އާންމު ގޭބީސީތަކުގެ ކަރަންޓް މީޓަރުތަކުގެ ތެރޭގައި، ގޭބީސީގައި ނުހިމެނޭ ލިފްޓް ނުވަތަ މެއިންޓަނަންސް މީޓަރެއްވާ ނަމަ އެ ފަރާތްތަކުން "ޔޫޓިލިޓީ މީޓަރު އެކްސްކްލޫޝަން ފޯމް" ފުރިހަމަކޮށް، އެ ކޯޕަރޭޝަނަށް ހުށަހެޅުމަށް އެދިފަ އެވެ. މީގެ އިތުރުން ކޮމާޝަލް ރެޒިޑެންޝަލް ކޮމްޕްލެކްސްތައް ނުވަތަ ފްލެޓްތައް ބަލަހައްޓާ ފަރާތްތަކުން "ޕްރައިމަރީ މީޓަ އައިޑެންޓިފިކޭޝަން އެންޑް ގްރޫޕިން ފޯމް" ފުރިހަމަކޮށް ހުށަހެޅުމަށް ވެމްކޯއިން އެދިފަ އެވެ.

މީގެ އިތުރުން ވެމްކޯގެ ހިދުމަތް ހޯދާ އެކިއެކި މުއައްސަސާތަކާއި ވިޔަފާރިތަކާއި ހިއްސާކޮށްފައިވާ "އިންފޮމޭޝަން އަޕްޑޭޓް ފޯމް" ވެސް ފުރިހަމަ ކުރުމަށްފަހު 13 އެޕްރީލްގެ ކުރިން ހުށަހެޅުމަށް ވެމްކޯއިން ވަނީ އެދިފަ އެވެ.

ވެމްކޯއިން ވިދާޅުވީ މި މުއްދަތުގައި ފޯމް ހުށަނާޅާ ފަރާތްތަކަށް އަންނަ މަހުން ފެށިގެން ހިދުމަތް ދިނުން މެދުކެނޑޭނެ ކަމަށެވެ.

ކަރަންޓް ބިލުގައި ކުނި ބިލު ހިމަނަން ސަރުކާރުން ނިންމީ ވެމްކޯގެ ބިލަށް ގިނަ ބަޔަކު ފައިސާ ނުދައްކާތީ އެވެ. އެކަމުގެ ސަބަބުން ކުންފުނީގެ އޮޕަރޭޝަންތަކަށް ބުރޫ އަރާކަމަށާއި ކަރަންޓު ބިލާއެކު ވެމްކޯގެ ބިލު ހިމެނުމުން ފައިސާ ނުދައްކާ މައްސަލަ ހައްލުވާނެ ވެސް ވެމްކޯއިން ބުނެ އެވެ.