އދ. ދިގުރަށުން 77 ގޯތި ދޫކުރުމަށް ނިންމާ ކުރިމަތިލުމަށް ހުޅުވާލައިފި އެެވެ.

އެ ރަށުން ދޫކުރާ 2،000 އަކަފޫޓުގެ ގޯތިތަކަށް ފޯމު ހުށަހެޅުމަށް ފުރުސަތު ދީފައިވަނީ އަންނަ މެއި މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށެވެ.

ގެސްޓް ހައުސްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ހިންގާ ދިގުރަށުން ގޯތި ދިނުމަށް އެކުލަވާލާފައިވާ އުސޫލު ހަދާފައި ވަނީ އުފަންވީއްސުރެ އެރަށުގައި ދިރިއުޅޭ އަދި ކައިވެނިކޮށްފައިވާ މީހެއްނަމަ އެންމެ މަތިން ޕޮއިންޓް ލިބޭ ގޮތަށެވެ. އެއީ ޖުމްލަ 65 ޕޮއިންޓެވެ.

ސަރުކާރު ގެޒެޓުންނާއި ދިގުރަށު ކައުންސިލްގެ ވެބްސައިޓުން އަދި ދިގުރަށު ކައުންސިލް އިދާރާ އިން ފޯމު ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފަ އެވެ.

ދިގުރަށުން ގޯތި ހޯދުމަށް ފޯމު ލެވޭނީ ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ އެފަދަ ގޯއްޗަކުން 600 އަކަފޫޓަށް ވުރެ ބޮޑު ބައެއް ލިބިފައިވާ ނުވަތަ އެ މީހެއްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައި ނުވާ މީހުންނަށެވެ. 600 އަކަފޫޓަށް ވުރެ ކުޑަ ބިމެއް އޮތް ނަމަ އެ ތަންކޮޅު ވެސް ދޫކޮށްލަންޖެހެ އެވެ.

ގޯތި ދޫކުރެވެން ހުރި ރަށްތަކުން މިއަހަރު ނިމުމުގެ ކުރިން ގޯތި ދޫކުރުމަށް ޕްލޭނިން މިނިސްޓްރީއާއި ކައުންސިލްތައް ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.