ޕީއެސްއެމްގެ ނަމުގައި ސްކޭމް ކޯލްތަކެއް އަންނާތީ އެކަމަށް ސަމާލުވާން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިލްތިމާސްކޮށްފި އެވެ.

ބީއެމްއެލް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މި ދުވަސްވަރު ޕީއެސްއެމްގެ ނަމުގައި ފޯނުކޮށް އަދި އެއަށްފަހު ލިންކުލާފައި ހުންނަ އެސްއެމްއެސް މެދުވެރިކޮށް މަކަރާއި ހީލަތުން ކަސްޓަމަރުންނަށް އޮޅުވާލައިގެން ކަސްޓަމަރުންގެ އިންޓަނެޓް ބޭންކިން މައުލޫމާތު ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި މިފަދަ ބައެއް ކޯލްތަކުގައި އެދޭ މައުލޫމާތު ދީގެންނާއި އޯޓީޕީވެސް ދީގެން ބައެއް ކަސްޓަމަރުން އަތުން ފައިސާ ގެއްލިގެން އެކަމުގެ ޝަކުވާ ހުށަހަޅާފައިވާ ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ. މި ގޮތުން މިދިޔަ 5 ދުވަސްތެރޭ ދެ ކަސްޓަމަރެއްގެ އަތުން މި ގޮތަށް 50،000 ރުފިޔާ އާއި 75،000 ރުފިޔާ ގެއްލިފައިވާ ކަމުގެ ޝަކުވާ ހުށަހެޅި ކަމަށް ވެސް ބިއެމްއެލް އިން ބުނެ އެވެ.

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ މި މައްސަލަތަކަށް ބަލާއިރު ކަސްޓަމަރުންނަށް އޮޅުވާލައިގެން ފޯނުކޮށްގެން ވަރަށް ގަބޫލުކުރެވޭ ވާހަކަދައްކާ ކަމަށެވެ. އަދި އެއަށްފަހު އެސްއެމްއެސް މެދުވެރިކޮށް ލިންކު ފޮނުވައިގެން އިންޓަނެޓް ބޭންކިންގެ ޔޫސާ ނޭމް އާއި ޕާސްވޯޑް ހޯދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކަސްޓަމަރުންގެ އީމެއިލް އެޑްރެހާއި ފޯނަށް އަންނަ އޯޓީޕީވެސް ކަސްޓަމަރާއި ވާހަކަދައްކައިގެން ހޯދާފައި އެބަހުރި. އެހެންކަމުން ބޮޑު އިނާމެއް ނުވަތަ ހަދިޔާއެއް ލިބުނުކަމަށް ބުނެ މިހެންކުރާ ކޯލްތަކަށް އިތުރަށް ސަމާލުވުމަށް އިލްތިމާސްކުރަން. އަދި ބޭންކަށް ވެސް އަދި އެހެން އިދާރާއަކަށް ވެސް އެއްވެސް ހާލަތެއްގައި އޯޓީޕީ ދޭން ނުޖެހޭނެކަން ހަދުމަފުޅު ބެހެއްޓެވުމަށް ވެސް ދަންނަވަން،" ސައީދު ވިދާޅުވި އެވެ.

މީގެ އިތުރުން އޮންލައިން ޕޭޖްތަކުން ވިޔަފާރިކޮށްގެން ފައިސާދެއްކުމަށްފަހު މުދާ އަދި އަނބުރާ ފައިސާވެސް ނުލިބޭ ކަމުގެ ޝަކުވާ އާއި ކާކުކަން ނޭނގޭ ފަރާތްތަކާއެކު ޑޮލަރުގެ މުއާމަލާތްކޮށްގެން ފައިސާ ނުލިބިގެން އެކަމުގެ ޝަކުވާވެސް އެ ބޭންކަށް ހުށަހެޅީ ބީއެމްއެލް އިން ބުނެ އެވެ.