ހުޅުމާލޭ ފޭސް 2 ގައި އިތުރު މިސްކިތެއް ތަރައްގީކުރަން ބަޔަކާ ހަވާލުކޮށްފި އެވެ.

ހުޅުމާލެ ތަރައްގީކޮށް ބަލަހައްޓާ އާބަންކޯ އިން ބުނީ އިންޓަނޭޝަނަލް ޗެއިން މޯލްޑިވްސް (އައިސީއެމްޕީއެލް) އާއެކު މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ހުޅުމާލޭ ފޭސް 2 ލޮޓް ނަންބަރު 20243 ގައި ތަރައްގީކުރާ ކުރެވޭ މި މިސްކިތަކީ 11،643.74 އަކަފޫޓުގެ ޖާގައި ގައި އިމާރާތްކުރާ މިސްކިތެކެވެ. މި މިސްކިތުގައި 3 ފަންގިފިލާ ހުންނަ އިރު، މި މިސްކިތަކީ 521 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

މި މިސްކިތް އިމާރާތްކުރުމުގެ އެއްބަސްވުމުގައި އާބަންކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފު އެވެ. އަދި އައިސީއެމްޕީއެލްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޔާޒު އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އާ މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ.

އާބަންކޯ އިން ބުނީ ހުޅުމާލޭ ފޭސް 2 ގައި އަލަށް މީހުން އާބާދު ވެގެން އަންނަ އިރު، ބޭނުންވާނެ މިސްކިތްތައް ތަރައްގީކުރުމުގެ ތެރެއިން، މިއަދު ސޮއިކުރި މިސްކިތް ހިމަނައިގެން ޖުމްލަ 7 މިސްކިތެއްގެ މަސައްކަތް މިހާރު ވަނީ ހަވާލު ކޮށް، ގިނަ މިސްކިތްތަކުގެ އަމަލީ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ. އަދި ވަގުތީ މިސްކިތްތަކުގެ އިތުރުން ދާއިމީ މިސްކިތެއް މިހާރު ވެސް ފޭސް 2 ގައި ހުރެ އެވެ.

ހުޅުމާލެ އަކީ ހުޅުމާލޭގައި ދިރިއުޅޭ އެންމަހާ ފަރާތްތަކަށާއި އެކި ބޭނުންތަކަށް ހުޅުމާލޭ ޒިޔާރަތް ކުރާ ފަރާތްތަކަށް ބޭނުންވާނެ ހުރިހާ ބެނުންތަކެއް ހިމެނިގެން ތަރައްގީ ކުރެވޭ ރަށަކަށް ހެދުމަށް އާބަންކޯގެ ފަރާތުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.