ފަޅު ރަށްރަށް ކުއްޔަށް ހޯދުމަށް އެދި ހުށަހަޅާ ހުށަހެޅުންތައް ބަލައިގަތުމާއި، ކުއްޔަށް ދޫކުރުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށް އެކްރިކަލްޗަ މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ ފަޅު ރަށްރަށް ކުއްޔަށް ދޫކުރުން ވަގުތީގޮތުން ހުއްޓާލީ ފަޅުރަށްރަށާ ބެހޭ ގަވައިދަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރިއަށްދާތީ ކަމަށެވެ.

ފަޅުރަށްތަކާ ބެހޭ ގާނޫނަށް މިދިޔަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައި ވަނީ އިސްލާހު ގެނެސްފަ އެވެ. އެގޮތުން ފަޅުރަށެއް ދޫކުރާއިރު އެ ފަޅުރަށެއް އޮތް އަތޮޅުގެ ކައުންސިލާ މަޝްވަރާކުރަން ޖެހޭ ގޮތަށް، ފަޅުރަށްތަކާ ބެހޭ ގާނޫނަށް ވަނީ އިސްލާހު ގެނެސްފަ އެވެ.

މި ބަދަލު ގެނައުމަށް މަޖިލީހަށް ހުށައެޅީ ކުރިން ފަޅުރަށްރަށް ދިނުމާބެހޭ ގާނޫނު އޮތް ގޮތުން ބައެއް ގާނޫނީ ފުށުއެރުންތަކެއް ހުރުމުންނެވެ. އެހެން ދިމާވީ ލާމަރުކަޒީ ޤާނޫނަށް އަލަށް ގެންނެވި އިސްލާހުތަކުގެ ސަބަބުންނެވެ.

ފަޅުރަށްތައް ބެލެހެއްޓުމާއި ދޫކުރުމުގެ ކަންކަން ހިންގަވަނީ އެގްރިކަލްޗާ މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ.

އެ މިިނިސްޓްރީން ބުނީ "ދިވެހިރާއްޖޭގެ ފަޅު ރަށްރަށާ ބެހޭ ގަވާއިދު"އަށް އިސްލާހު ގެނައުމުގެ މަސައްކަތްތަކެއް މިނިސްޓްރީން ކުރަމުންދާ ކަމަށެވެ. މިއާގުޅިގެން "ދިވެހިރާއްޖޭގެ ފަޅު ރަށްރަށާ ބެހޭ ގާނޫނު" ގެ 11 ވަނަ މާއްދާގެ ދަށުން ފަޅުރަށްރަށް ކުއްޔަށް ހޯދުމަށް އެދި ހުށަހަޅާ ހުށަހެޅުންތައް ބަލައިގަތުމާއި، ކުއްޔަށް ދޫކުރުން މިވަގުތަށް ހުއްޓާލުމަށް ނިންމާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ރާއްޖޭގައި މީހުން ދިރިނޫޅޭ ނުވަތަ ފަޅުރަށްރަށުގެ ގޮތުގައި 774 ރަށެއް ހިމެނެ އެވެ. މިހާތަނަށް އައި އިރު ފަޅުރަށްތައް ގިނައިން ދޫކޮށްފައިވަނީ ރިސޯޓް ތަރައްގީކުރުމާއި، ފަތުރިވެރިކަމާއި ގުޅުންހުރި ވިޔަފާރިތަކަށެވެ. އަދި މަދު ރަށްތަކެއް ވަރުވާއަށް ނުވަތަ، ދަނޑުވެރިކަމުގެ ވިޔަފާރިއާއި ބައެއް ކަހަލަ ސިނާޢީ އެހެނިހެން މަސައްކަތްތަކަށް ދޫކޮށްފައިވެ އެވެ.