ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ޓާމިނަލަށް މިހާރު ގެންނަ ބަދަލުތަކުގެ އެންމެ ބޮޑު ބޭނުމަކީ ދަތުރުވެރިންނަށް ފަސޭހަވާނެ ގޮތަށް އިންތިޒާމްތައް ހަމަޖެއްސުން ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފި އެވެ.

ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ވީއައިއޭއިން ވަނީ އެކުންފުނީގެ ޚިދުމަތްތަކާއި ވަސީލަތްތައް ރަނގަޅުކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. މިގޮތުން އެ އެއާޕޯޓުގައި އަލަށް ހެދި ކޯޑް-އެފް ރަންވޭ ދަތުރުތަކުގައި ބޭނުންކުރަން ފެށުމާއި އަލަށް ސީޕްލޭން ޓާމިނަލް ބޭނުންކުރަން ވަނީ ފަށައިފަ އެވެ. މީގެ އިތުރުން އެމްއޭސީއެލްގެ މުވައްޒަފުނަށް އިމާރާތްކޮށްދިން އެއިރޯ ރެސިޑެންސް އެޕާޓްމަންޓްތައް ނިންމައި އެތަން ވެސް ވަނީ ހަވާލުކޮށްފަ އެވެ.

އެ އެއާޕޯޓަށް 57 އަހަރު ފުރުމާ ގުޅިގެން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ އެއާޕޯޓުގެ މެނޭޖްމަންޓުން އަންނަނީ އެކި ސްޕެޝަލައިޒޭޝަން ޕްރޮގްރާމްތައް މެދުވެރިކޮށް މުވައްޒަފުންގެ ޓެކްނިކަލް ފެންވަރު މަތިކޮށް، ވިޔަފާރީގެ މައިގަނޑު ދާއިރާތަކުން މުވައްޒަފުން އިތުރުކުރުމަށް މަސައްކަތްކުރަމުން ކަމަށެވެ.

އެ ކުންފުނިން ބުނީ މި ހުރިހާ ބަދަލުތަކުގެ މައިގަނޑު ބޭނުމަކީ އެ އެއާޕޯޓުން ފުރާ އަދި އަންނަ ދަތުރުވެރިންނަށް އިންތިޒާމުތައް ފަސޭހަކޮށްދިނުމަށް ކަމަށެވެ. އަދި އެ އެއާޕޯޓުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި މުވައްޒަފުންނަށާއި ގުޅުން ހުރި ފަރާތްތަކަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު މަހުޖޫބް ޝުޖާއު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

އެމްއޭސީއެލް އިން ބުނީ ވޭތުވެދިޔަ 57 އަހަރުގެ ތެރޭގައި ހާސިލުކުރެވިފައިވާ ކަންކަމާ މެދު އެއާޕޯޓް މެނޭޖްމަންޓުން ވަރަށް ބޮޑަށް ފަޚުރުވެރިވާ ކަމަށާއި ރަނގަޅު ވަސީލަތްތަކާއެކު ކަސްޓަމަރުންނަށް މިހާރަށް ވުރެ ރަނގަޅު ޚިދުމަތެއް ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.