އިންޑިއާގެ ކާގޯ ފެރީން ގެންނަ މުދަލުގެ އަދަދު އިތުރުވެ، 700 ޓަނުގެ މުދަލާއެކު ހދ. ކުޅުދުއްފުއްޓަށް ބަނދަރުކޮށްފި އެވެ.

އިންޑިއާގެ ކޮޗިންއާއި ކުޅުދުއްފުއްޓާއި ދެމެދު ކާގޯ ފެރީގެ ޙިދުމަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 26 ވަނަ ދުވަހު އެވެ.

ކާގޯ ފެރީ ކުޅުދުއްފުއްޓަށް ދަނީ ކޮޗިންއިން ޓުޓިކޮރިންއަށް، ޓުޓިކޮރިންއިން މާލެއަށް އަދި މާލެއިން ކުޅުދުއްފުއްޓަށެވެ.

އެސްޓީއޯގެ ސީއީއޯ ހުސެއިން އަމްރު ވިދާޅުވީ ކޮންމެ ދަތުރެއްގަ ގެންނަ މުދާ އަންނަނީ އިތުރުވަމުން ކަމަށެވެ.

ކޮޗިން-ކުޅުދުއްފުށި ފެރީ ޚިދުމަތް ދިނުމުގައި ޙަރަކާތްތެރިވާ ރާއްޖޭގެ އެޖެންޓް މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެމްއެސް) އިން ބުނީ މިފަހަރުގެ ކާގޯ ފެރީގައި 700 ޓަނުގެ މުދާ ގެނެސްފައިވާ ކަމަށެވެ. މީގެތެރޭގައި ގިނައިން ހިމެނެނީ އިމާރާތްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އާންމު މުދަލެވެ. މިއީ ކާގޯ ފެރީ ކުޅުދުއްފުއްޓަށް އައި ހަތަރުވަނަ ފަހަރެވެ.

ކޮންމެ ފަހަރަކުވެސް ކާގޯ ފެރީއިން ކުޅުދުއްފުއްޓަށް ގެންނަ މުދަލުގެ އަދަދު އިތުރުވަމުންއަންނަކަމަށް މޯލްޑިވްސް ސްޓޭޓް ޝިޕިންގ އިން ބުނެއެވެ.

ކޮޗިން ފެރީން ރާއްޖެއަށް މުދާ ގެންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. މުދާ ގެނައުމަށް އެ ކުންފުނީގެ ހޮޓްލައިނަށް ގުޅައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް މުދާ ގެނައުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފަ އެވެ.