ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ ދަށުން ޗީފް އިންޓާނަލް އޮޑިޓަރުގެ މަގާމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު ހަމަޖައްސައިފި އެވެ.

ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ 2-44 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ޗީފް އިންޓަނަލް އޮޑިޓަރުގެ މަގާމަށް ހަމަޖެއްސީ ހއ. ފިއްލަދޫ، ނިއުސްޓަ ފާތިމަތު ސޮލާހާ އެވެ. އެ މަގާމަށް އޭނާ އައްޔަންކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ސޮލާހާ އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ މިނިސްޓަރުގެ ނައިބުންނާއި އެއް ފެންވަރުގަ އެވެ.

ސޮލާހާ ވަނީ 2023 ވަނަ އަހަރު ޗާޓަޑް ސެޓްފައިޑް އެކައުންޓެންޓް އޮފް މޯލްޑިވްސްގެ މެންބަރަކަށްވެފަ އެވެ. އަދި 2014 ވަނަ އަހަރުން ފެށިގެން ސޮލާހާ އަކީ އިނގިރޭސިވިލާތުގެ އެސޯސިއޭޝަން އޮފް ޗާޓަޑް ސެޓްފިކެޓްޑް އެކައުންޓެންޓްސްގެ މެންބަރެކެވެ.

ސޮލާހާ ޗީފް އިންޓަނަލް އޮޑިޓަރުގެ މަޤާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން ފުރުއްވަމުން ގެންދެވީ މިނިސްޓްރީ އޮފް ފިނޭންސްގައި ޗީފް އޮޑިޓް އެގްޒެކެޓިވްގެ މަގާމެވެ. މީގެ ކުރިން ސޮލާހާ ވަނީ ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގައި މެނޭޖަ، ފައިނޭންސް އެންޑް އެކައުންޓްސް މަގާމު އަދާކުރައްވާފަ އެވެ. އަދި އޮޑިޓަ ޖެނެރަލްގެ އޮފީހުގައި ވެސް ސޮލާހާ ވަނީ މެނޭޖަ ފައިނޭންޝަލް އިންސްޓިޓިއުޝަންސް އޮޑިޓްގެ މަގާމު އަދާކުރައްވާފަ އެވެ.