ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކުރިޔަށްގެންދާ ޕްރޮމޯޝަންގައި ބައިވެރިވުމުގެ މުއްދަތު މިމަހުގެ 30 ގެ ނިޔަލަށް ހަމަވާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.

މި ޕްރޮމޯޝަންގެ ދަށުން ބީއެމްއެލް އެމެކްސް ޑެބިޓް އަދި ކްރެޑިޓް ކާޑުން ކަސްޓަމަރުން ކުރާ މުއާމަލާތްތަކަށް އަނބުރާ ފައިސާ ލިބުމުގެ ފުރުސަތު ލިބެ އެވެ.

ބީއެމްއެލް އިން ބުނިގޮތުގައި އެމެރިކަން އެކްސްޕްރެސް ކާޑުތަކުން ރާއްޖޭގައި ކުރާ ހުރިހާ މުއާމަލާތެއް މި ޕްރޮމޯޝަނުގެ ގުރުއަތުގައި ބައިވެރިކުރެވޭނެ އެވެ. މިގޮތުން ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ 10 ކަސްޓަމަރުންނަށް، އެ ކަސްޓަމަރުންކުރި މުއާމަލާތުގެ އަދަދު އަނބުރާ ލިބޭނެ ކަމަށް އެ ބޭންކުން ބުނެ އެވެ.

ގާތްގަނޑަކަށް 325،000 އަށް ވުރެ ގިނަ ކަސްޓަމަރުންނާއި 7،900 އަށް ވުރެ ގިނަ މާޗެންޓުންނާއެކު ބީއެމްއެލްއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ކާޑު ދޫކުރުމާއި ކާޑުގެ ހިދުމަތް ބަލައިގަންނަ ބޭންކެވެ. މީގެ އިތުރުން ބީއެމްއެލް އަކީ ރާއްޖޭގައި އެމެރިކަން އެކްސްޕްރެސް ކާޑު ދޫކޮށް، އެމެކްސް ކާޑުތަކުން ޕޭމަންޓް ބަލައިގަންނަ ހަމައެކަނި ބޭންކެވެ.

މި ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓް އިން ލިބޭނެ އެވެ.