ވިޔަފާރިތަކުން ކަސްޓަމަރުންނަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް މިއަދުން ފެށިގެން ދެ ރުފިޔާ ނަގަން ފަށައިފި އެވެ.

ކަސްޓަމަރުންގެ އަތުން ދެ ރުފިޔާ ނެގޭގޮތަށް ކުނި މެނޭޖްކުރުމުގެ ބިލަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރެއްވީ ޑިސެމްބަރު 18 2022 ގަ އެވެ.

މޯލްޑިވްސް އިންލޭޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނީ ޕްލާސްޓިކް ކޮތަޅު ބޮނޑިއެއް ވިއްކި ނަމަވެސް ނުވަތަ ހިލޭ ދިން ނަމަވެސް، އެ ކޮތަޅު ބޮނޑީގައި ހިމެނޭ ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ ރޭޓުން ޕްލާސްޓިކް ކޮތަޅުގެ ފީ ނަގަންވާނެ ކަމަށެވެ. އަދި ޕްލާސްޓިކް ކޮތަޅު ބޮނޑި ވިއްކާ ފަރާތަކީ ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތެއް ނަމަ، އޭގެ އަގުން ޖީއެސްޓީ ވެސް ނަގަންވާނެ ކަމަށް މީރާއިން ބުނެ އެވެ.

ޕްލާސްޓިކް ކޮތަޅުގެ ފީ އަކީ ހުރިހާ ވިޔަފާރި ހަރަކާތަކުން ވެސް ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް ނަގަން ޖެހޭ ފީއެކެވެ. އަދި ވަކިވަކިން ދޭ ނުވަތަ ވިއްކާ ޕްލާސްޓިކް ކޮތަޅާއި، ގިނަ އަދަދެއްގެ ކޮތަޅު އެއްކޮށް (ކޮތަޅު ބޮނޑި) ވިއްކި ކަމުގައިވިޔަސް، ދޭ ނުވަތަ ވިއްކާ ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ މަގުން މި ފީ ނަގަން ޖެހޭނެ ކަމަށް މީރާއިން ބުނެ އެވެ.

ނަމަވެސް، ޕްލާސްޓިކް ކޮތަޅުގެ ފީ، ބައެއް ކަހަލަ ޕްލާސްޓިކް ކޮތަޅުން ނެގުން އިސްތިސްނާވެގެންވާ ކަމަށް މީރާއިން ބުނެ އެވެ.

އެ ފަދަ ޕްލާސްޓިކް ކޮތަޅުގެ ބާވަތްތަކަކީ:

  • ޑިއުޓީ ފްރީ ފިހާރަތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅު
  • ބަންދުނުކޮށް ހުންނަ، ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅު
  • ކުނި މެނޭޖުކުރުމުގެ ޚިދުމަތްދޭ ފަރާތްތަކުން ނުވަތަ ކަމާބެހޭ އެހެން އިދާރާއަކުން ކުނި އެޅުމަށް ޚާއްޞަކޮށް ވިއްކާ ނުވަތަ ދޫކުރާ "ބިންލައިނާ"

ކުނި މެނޭޖްކުރުމުގެ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުން، މީރާގައި ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ވިޔަފާރި ހަރަކާތްތަކުން ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ނަގާ އަދަދުގެ މައުލޫމާތު ހުށަހަޅައި ފައިސާ ދައްކަން ޖެހެނީ މީރާއަށެވެ. މިގޮތުން ޕްލާސްޓިކް ކޮތަޅުގެ ފީގެ އަދަދާ ގުޅޭ މައުލޫމާތު އެ ފަރާތުގެ ޖީއެސްޓީ ބަޔާނުގައި ހިމަނައި އެ ފައިސާ ދައްކަން ޖެހެ އެވެ.

ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ނަގާފައިވާ އަދަދުގެ މައުލޫމާތު މީރާއަށް ހުށަހަޅައި ފައިސާ ދައްކަންޖެހޭ ސުންގަޑިއަކީ އެ ފަރާތެއްގެ ޖީއެސްޓީ ބަޔާން ހުށަހަޅައި ޖީއެސްޓީ ދައްކަން ޖެހޭ ސުންގަޑި ކަމަށް މީރާއިން ބުނެ އެވެ. އަދި ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ނަގާފައިވާ އަދަދު މީރާއަށް ދައްކަން ޖެހޭނީ ދިވެހި ރުފިޔާއިން ކަމަށް މީރާއިން ބުނެ އެވެ.

މީރާގައި ޖީއެސްޓީއަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން ޕްލާސްޓިކް ކޮތަޅުގެ ފީ ނެގުމުގައި ޢަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމުގެ ގޮތުން ކުނި މެނޭޖްކުރުގެ ގާނޫނުގެ ދަށުން އެކުލަވާލަން ޖެހޭ ގަވާއިދު، މީރާއިން ވަނީ މިދިޔަ ފެބްރުއަރީ 22 ގައި ގެޒެޓްކޮށްފަ އެވެ. އަދި، "ޕްލާސްޓިކް ކޮތަޅުގެ ފީގެ އަދަދު ކަށަވަރުކުރުމަށް ރިކޯޑު ބެލެހެއްޓުމުގެ ގަވާއިދު" އިއްޔެ ވަނީ ގެޒެޓްކޮށްފަ އެވެ.

މީރާއިން ބުނި ގޮތުގައި، މި ގަވާއިދުތަކުގައި، ޕްލާސްޓިކް ކޮތަޅުގެ ފީ ހިސާބުކުރާނެ ގޮތާއި، ޓެކްސް ބަޔާނުގައި ފީގެ މައުލޫމާތު ހިމަނާނެ ގޮތް، އަދި، ފައިސާ ދައްކާނެ ގޮތް އަދި ޕްލާސްޓިކް ކޮތަޅާބެހޭ ގޮތުން ބަލަހައްޓަން ޖެހޭ މައުލޫމާތުގެ ތަފްސީލު ހިމަނައިފައިވެ އެވެ.