މިއަހަރުގެ ދިރާގު ރަމަޟާން މަހުގެ "ބޮޑު ހަދިޔާ" ކެމްޕެއިންގެ ބޯނަސް ހަދިޔާއެއްގެ ގޮތުގައި ދިރާގުގެ ނަސީބުވެރި އެއް ކަސްޓަމަރަކަށް ދެ މީހުންގެ ހިލޭ އުމްރާ ދަތުރެއް ލިބޭނެ އެވެ.

އެ ކުންފުނިން ބުނިގޮތުގައި މި ގުރުއަތުގައި ދިރާގުގެ ހުރިހާ އެކްޓިވް ކަސްޓަމަރުންނަށް ވެސް އިތުރު އެއްވެސް މަސައްކަތަކާ ނުލާ ބައިވެރިވޭނެ އެވެ. ދިރާގު ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، މޮބައިލް ބްރޯޑްބޭންޑް އަދި ފައިބަ ބްރޯޑްބޭންޑް ބޭނުންކުރާ އެކްޓިވް ކަސްޓަމަރުންނަށް ވެސް މި އަގުހުރި އިނާމު ލިބުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ދިރާގުން ބުނެ އެވެ.

"މި އުމްރާ ދަތުރާއެކު އަޅުގަނޑުމެންގެ އަމާޒަކީ މި ރަމަޟާން މަހު އަގުހުރި ހަދިޔާއަކާއެކު ކަސްޓަމަރުން އަޅުގަނޑުމެންނަށް ކުރާ އިތުބާރަށް ޝުކުރު ދަންނަވަން. ދިރާގުގެ މިހާރުގެ ހުރިހާ ކަސްޓަމަރުންގެ އިތުރުން މި މަހުގެ ތެރޭގައި އަޅުގަނޑުމެންނާ އަލަށް ގުޅޭ ކަސްޓަމަރުންނަށް ވެސް މި އިނާމު ގުރުއަތުގައި ބައިވެރިވެވޭނެ. އަދި މި ގުރުއަތުގެ ނަސީބުވެރިޔާ ހޮވާނީ ރަމަޟާން މަސް ނިމުމުން،" ދިރާގުގެ އެސިސްޓެންޓް މެނޭޖަރު އެޑްވަޓައިޒިން ހަސަން ޝާރިހު އާދަމް ވިދާޅުވި އެވެ.

ދިރާގުން ކޮންމެ އަހަރަކު ވެސް އަންނަނީ ކަސްޓަމަރުންނަށް ޚާއްސަ އައު އޮފާތައް ގެނެސްދެމުންނެވެ. އަދި މި ރޯދަމަހަކީ ހުރިހާ ކަސްޓަމަރުންނަށް ބަރަކާތްތެރި މައްސަރަކަށް ވުމަށް ވެސް އެ ކުންފުނިން ވަނީ އެދިފަ އެވެ.