ކ. ތިލަފުށީގައި ހިލަ އާއި ހިލަވެލި ބޭލުމަށް ހާއްސަ ބަނދަރެއް ހަދަން ބަޔަކު ހޯދަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) މިއަދު އިއުލާނުކޮށްފި އެވެ.

އެމްޕީއެލްގެ އިއުލާނުގައި ވަނީ ތިލަފުށީގައި ބަލްކް ޕޯޓެއް ހަދަން ބޭނުންވާ ބިން ހިއްކައި އެ ތަނަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ހެދުމަށާއި އެ މަސައްކަތް އަމިއްލަ ހަރަދުގައި ކުރަން ޝައުގުވެރިވާ ބަޔަކަށް މި މަހުގެ 26 ވަނަ ދުވަހުގެ ރޭގެ 11:59 އަކާ ހަމައަށް އެ ފުރުސަތު ހުޅުވާލަފައިވާ ކަމަށެވެ

މިގޮތަށް ހިލަޔާއި ހިލަވެއްޔަށް ވަކިން ބަނދަރެއް ހެދުމުގެ ބޭނުމަކީ ބޮޑެތި ބަލްކް މުދާ ބަރުކޮށްގެން ދަތުރުކުރާ ބޯޓުފަހަރު ކައިރިކޮށް މުދާ ބޭލުމެވެ. މި ބަނދަރު ހަދާ ނިމުމުން، މާލޭ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް، އެ ބަނދަރަށް ދާ ބައެއް އުޅަނދުތަކަށް ވެސް އެ ތަނުން ހިދުމަތް ދޭނެ ކަމަށް އެމްޕީއެލް އިން ބުނެ އެވެ.

މިހާރު މިގޮތަށް ގެންނަ ބަލްކު މުދާ ބާލަނީ މާލޭ އެމްޕީއެލް ބަނދަރަށެވެ.

މާލޭ ބަނދަރުގައި ޖާގަ ނެތުމުން ތިލަފުށީގައި އަންނަނީ ބަނދަރު ހެދުމުގެ މަސައްކަތް ކުރަމުންނެވެ.

ތިލަފުށީގައި ހަދާ ބަނދަރު ނިމުމުން މާލޭ ބަނދަރުގައި ކުރާ ބައެއް މަސައްކަތްތައް ތިލަފުށި ބަނދަރަށް ބަދަލުކުރުމަށް ވަނީ ނިންމާފައި އެވެ. އެހެން ނަމަވެސް ރަސްމީކޮށް ބަލްކް ޕޯޓެއްގެ ގޮތުގައި ތިލަފުށީ ބަނދަރު ބޭނުން ކުރާނެ އެވެ.