އަންނަ ފިތުރު އީދު ދުވަސް ކުޑަގިރި ޕިކްނިކް އައިލެންޑްގައި ކުލަގަދަކޮށް ފާހަގަކުރުމަށް އާބަންކޯ އިން ނިންމައިފި އެވެ.

އާބަން ގެޓްއަވޭއެއްގެ ގޮތުގައި ތަރައްގީކޮށް، ދާދިފަހުން ހުޅުވި ކުޑަގިރި ޕިކްނިކް އައިލެންޑްގައި މިފަހަރު އީދު ފާހަގަކުރުމަށް ހަމަޖައްސާފައި ވަނީ ކުޑަގިރި އީދު ފެސްޓުގެ ނަމުގަ އެވެ.

ކުޑަގިރި ހިންގާ އާބަންކޯ އިން ބުނީ ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ބައިވެރިވެވޭ ގޮތަށް އެ ދުވަހުގެ ހެނދުނުން ފެށިގެން ރޭގަނޑާ ހަމައަށް ތަފާތު އެކި ހަރަކާތްތައް ރާވާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި:

  • ކުލަ ޖެހުން
  • ކްރޮސްނެޓް ވޮލީބޯޅަ
  • ކުޑަކުދިންގެ ކައިޓް ސެޝަން
  • ރޮބޯމޭންގެ ހަރަކާތްތައް
  • ބޮޑުމަސް ކޯޑި ކެނޑުން އަދި މާލި ހަރަކާތްތައް
  • ބޮޑުބެރު، ދަފިނެގުން އަދި ދަނޑިޖެހުމާއި މާފަތި އަދި ބަނޑިޔާ ހަރަކާތްތައް

އާބަންކޯ އިން ބުނީ ބިދަބިން ބޮޑުބެރު ގްރޫޕުގެ ހުނަރުވެރިކަން ފެނިގެންދާ މި ހަރަކާތްތަކުގައި ބައިވެރިވުމަށް އެ ދުވަހުގެ ހެދުނު 8:30ން ފެށިގެން އިރު އޮއްސި 7:30 އާ ހަމައަށް ކުޑަގިރިއަށް ހިލޭ އަރާ ފޭބޭނެ ކަމަށެވެ. އަދި މި ގަޑިތަކުގައި ކުޑަގިރީގައި އުޅޭ މީހުންނަށް ޚާއްސަކޮށް ސްނެކްސް ލިބޭނެ ގޮތަށް ސްޓޯލްތައް ވެސް ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

އާބަންކޯ އިން ބުނިގޮތުގައި އެ ދުވަހުގެ ހެނދުނާއި ހަވީރުގެ ކުޅިވަރު ހަރަކާތްތަކަށް ފަހު ކުޑަގިރި އީދު ފެސްޓު ނިންމާލަން ހަމަޖެހިފައި ވަނީ ގާލާ ނައިޓަކުންނެވެ. މި ގާލާގައި ބައިވެރިވުމަށް ކޮންމެ މީހަކު ވެސް 150ރ ދައްކަން ޖެހޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. މީގެ ތެރޭގައި އީދު ސްޕެޝަލް ގާލާ ޑިނާއެއްގެ އިތުރަށް ޑި ޓިއުން ބޭންޑާއި، ބިދަބިން ބޮޑުބެރު ގްރޫޕް ހަރަކާތްތަކުގެ އިތުރަށް ލޯކަލް އަދި އިންޓަނޭޝަނަލް އާޓިސްޓުންގެ އެކި ހަރަކާތްތައް ހިމެނޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑް ރަސްމީކޮށް ހުޅުވިތާ ދެ މަސްވެފައިވާއިރު، ކުޑަގިރިއަށް ޒިޔާރާތްކުރި 10،000 ވަނަ މީހާ އިއުލާންކުރުން ވެސް މި ގާލާ ނައިޓްގައި އޮންނާނެ ކަމަށް އާބަންކޯ އިން ބުނެ އެވެ.