ލޮނުމަހުގެ ތެރޭގައި ފޮރުވައިގެން ރާއްޖޭން ބޭރުކުރަން އުޅެނިކޮށް އަތުލައިގަތީ 21 ފޮށީގައި ހުރި 429 ކިލޯގެ މިޔަރު އުރަހަ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.

ކަސްޓަމްސް އިން ބުނީ ލޮނުމަހުގެ ތެރޭގައި ފޮރުވައިގެން، މިއަދު ރާއްޖޭއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ މިޔަރު އުރަހަ ތަކެއް، އޭވިއޭޝަން ސެކިއުރިޓީގެ ކާގޯ ސްކްރީނިން ޔުނިޓުން ވަނީ ހިފަހައްޓާ ހަވާލުކޮށްފައި ކަމަށެވެ. އަދި އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ކަސްޓަމްސް އިން ބުނެފައިވެ އެވެ.

މިއީ ކޮން ބަޔަކު އެކްސްޕޯޓްކުރަން އުޅުނު އުރަހަތަކެއް ކަމެއް ކަމާ ބެހޭ އެއްވެސް އިދާރާއަކުން ނުބުނެ އެވެ. އަދި އެތަކެއްޗާ މެދު އަމަލުކުރާނެ ގޮތެއް ވެސް ނުބުނެ އެވެ.

ކަސްޓަމްސްއިން މިއަދު އަތުލައިގަތް މިޔަރު އުރަހަތައް ފޮށިތަކުގައި ބަންދުކޮށްފައި. ފޮޓޯ: ކަސްޓަމްސް

ރާއްޖޭގައި މިޔަރު ހިފުމާއި މިޔަރަށް ގޯނާ ކުރުމަކީ މަނާ ކަމެކެވެ. މިޔަރަކީ ހިމާޔަތްކޮށްފައިވާ އެއްޗެކެވެ. ނަމަވެސް ގަވާއިދާއި ހިލާފަށް މިޔަރު ހިފައި އޭގެ އުރަހަ ވިޔަފާރީގެ ގޮތުގައި ބޭނުންކުރަމުން ދެ އެވެ. މީގެ ކުރިން އެފަދަ މައްސަލަތައް ފުލުހުންނަށް ހުށަހަޅާފައި ވެ އެވެ.

މިޔަރު އުރަހައަކީ ވަރަށް ބޮޑު އަގުގައި އޭޝިއާގެ ބައެއް ގައުމުތަކުގައި ވިއްކާ އެއްޗެކެވެ.

މިޔަރު އުރަހަތައް ކަސްޓަމްސް އިން ހިފެހެއްޓުމުން ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

މުސްތަފާ ވިދާޅުވިގޮތުގައި މިޔަރު އުރަހައިގެ އިތުރުން ކަހަނބު ފަތް ވެސް އެކްސްޕޯޓްކުރެވެން ވާނެ ކަމަށެވެ. އެއީ ގުދުރަތުން އަހަރެމެންނަށް ލައްވާފައިވާ މާތް ވަސީލަތްތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.