ތ. ފުނައްޑޫ އޮޕަރޭޝަނަށް ގެނެސް ހިންގަން ފިޝަރީޒް މިނިސްޓްރީން މިފްކޯއާ ހަވާލުކޮށްފި އެވެ.

ބައެއް ތަންތަން މަރާމާތުކޮށް މަސައްކަތައް ބޭނުންވާ ސާމާނު ހޯދުމަށް ގާތްގަނޑަކަށް 90 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް މިފްކޯއިން ވަނީ ބުނެފައި އެވެ. އަދި ފުނައްޑޫ ބަނދަރު މަސްގަނެވޭ ފެންވަރަށް ތަރައްގީކުރުމަށް 146 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވެސް މިފްކޯއިން ބުނެ އެވެ.

އެހެންވެ ފުނައްޑޫ އޮޕަރޭޝަނަށް ގެނެސް، މަސް ގަތުމުގެ މަސައްކަތް ފެށުމަށް، 236 މިލިއަން ރުފިޔާ އިންވެސްޓް ކުރަންޖޭހޭ ކަމަށް މިފްކޯއިން ބުނެ އެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާޢީލް ފައުޒީ ވިދާޅުވީ ފުނައްޑޫ އޮޕަރޭޝަނަށް ގެނައުމަށްޓަކައި ފައިނޭންސް ލިބުނުހާ އަވަހަކަށް އެތަނުގެ މަސައްކަތް ފަށާނެ ކަމަށެވެ.

ފުނައްޑޫ ބަނދަރު ހަދާއިރު އެންމެ ބޮޑު އިސްކަމެއްދޭނީ ވީހާ ވެސް ދިގު މުއްދަތަކަށް އެތަން ބޭނުންކުރެވޭ ފަދަ ގޮތަކަށް ހެދުން ކަމަށް ފައުޒީ ވިދާޅުވި އެވެ. ބަނދަރުގެ މަސައްކަތާއެކު ތަން އޮޕަރޭޝަނަށް ގެނައުމަށް ކުރަންޖެހޭ އިތުރު މަސައްކަތްތައް ކުރިއަށްދާ ކަމަށް ވެސް ފައުޒީ ވިދާޅުވި އެވެ.

މިދިޔަ އަހަރު ވެސް ފުނައްޑޫ ހިންގުމަށް މިފްކޯ އަށް ހަވާލުކޮށްފައިވެ އެވެ.

ސަރުކާރުން އެ ރަށް ހަވާލުކޮށްފައި ވަނީ ބޭންކަށް ދައްކަން ޖެހޭ އިކުއިޒިޝަން ކޯސްޓް ދެއްކުމަށް ފަހު އެވެ.

މީގެ ކުރިން ފުނައްޑޫގައި ޓޫނާ ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑުން އެ ރަށުގައި ދެމުން އައި ހިދުމަތްތައް މެދުކަނޑާލަން ޖެހުނީ ބީއެމްއެލުން ނަގާފައިވާ ލޯނަކަށް އަނބުރާ ފައިސާ ނުދައްކައިގެން ބޭންކަށް އެ ރަށް ނެގުމުންނެވެ.

ރަށް ތަރައްގީކުރަން ނެގި ލޯނެއް ނުދައްކައިގެން ޖެހުނު މައްސަލަތަކެއްގައި ރަށުގައި ކުރަމުން އައި މަސްވެރިކަމާގުޅޭ މަސައްކަތްތަކެއް އޮތީ ހުއްޓިފަ އެވެ.

ފުނައްޑޫ ސަރުކާރަށް ނަންގަވައިފައި ވަނީ އެ ރަށް ހިންގި ފަރާތުން ބޭންކަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށްފަހު އެވެ. އަދި ތ. ފުނައްޑޫ މިފްކޯއިން ގަނެފައި ވަނީ 22.8 މިލިއަން ރުފިޔާ އަށެވެ.