ފިތުރު އީދު ފާހަގަކުރުމުގެ ގޮތުން މިއަދު ދިރާގުން ކުރިއަށް ގެންދިޔަ ދިރާގު އީދު ބޯކިބާ އަދި ދިރާގު އީދު ހަދިޔާއަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

ހެނދުނުގެ ނާސްތާއެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ ދިރާގު އީދު ބޯކިބާ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މާލޭ އާޓިފިޝަލް ބީޗް އަދި ހުޅުމާލެ ސިންތެޓިކް ޓްރެކްގައެވެ. މިއީ މާލޭގައި މާލެ ސިޓީ ކައުންސިލް އަދި ހުޅުމާލޭގައި އާބަންކޯއާ ގުޅިގެން އެކުންފުނިން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

މީގެ އިތުރުން އެހެނިހެން އަހަރުތަކެކޭވެސް އެއްފަދައިން ދިރާގުންވަނީ ކުޑަ ކުދިންނަށް އަމާޒުކޮށް ދިރާގު އީދު ހަދިޔާ ގިފްޓް ޕެކްވެސް އީދު ނަމާދަށް ފަހު ބަހާފައެވެ. އެގޮތުން މާލެ އާއި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައިވެސް ވަނީ ދިރާގުން މި ހަރަކާތް ކުރިއަށް ގެންގޮސްފަ އެވެ.

"1444ވަނަ އަހަރުގެ ފިތުރު އީދު ފާހަގަކުރުމަށް އަޅުގަނޑުމެން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި ގިނަ ބަޔަކު ބައިވެރިވެ ޝާމިލްވުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް. މިފަދަ އިޖްތިމާޢީ ހަރަކާތްތަކުގެ ޒަރިއްޔާއިން އޯގާތެރިކަން ފެތުރުމާއި އިޖްތިމާޢީ ރޫހު އެކި ފަރާތްތަކުގެ މެދުގައި އާލާކުރުމަކީ ދިރާގުން އަބަދުވެސް ޚާއްސަ ސަމާލުކަން ދޭ ކަމެއް،" ދިރާގުގެ އެސިސްޓެންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދު ވިދާޅުވިއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އާންމުންނަށް ތަފާތު ގިނަ އިޖްތިމާޢީ ހަރަކާތްތައް ގެނެސްދީ އެ ފަރާތްތަކުގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ މުއްސަނދިކޮށްދިނުމަށެވެ.