ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ވިޔަފާރިތަކަށް ވާރު ކާޑު ދޫކުރުން މެދުކަނޑާލަން ނިންމައިފި އެވެ.

ވާރު ކާޑަކީ ޓެކުހާ ގުޅޭ މުއާމަލާތްތަކަށް ޚާއްސަ ކާޑެކެވެ.

ބީއެމްއެލްއިން ބުނީ ވާރު ކާޑުގެ ބަދަލުގައި ދެން ދޫކުރާނީ މާސްޓަކާޑު ބިޒްނަސް ޑެބިޓްކާޑު ކަމަށެވެ.

އެ ބޭންކުން ބުނީ ވާރު ކާޑު، މާސްޓަކާޑު ބިޒްނަސް ޑެބިޓްކާޑަށް ބަދަލުކުރަން ނިންމާފައި ވަނީ އެ ބޭންކްގެ ސްޓްރެޓެޖީގެ ދަށުން ކަމަށެވެ. އެގޮތުން އަންނަ މަހުގެ 5 ވަނަ ދުވަހުން ފެށިގެން ވާރު ކާޑު ދޫކުރުމާއި، ބަލައިގަތުން ހުއްޓާލާނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.

މިއީ ވިޔަފާރިތަކަށް ވެސް ފަސޭހަވެގެންދާނެ ކަމެއް ކަމަށް ބީއެމްއެލުން ބުނެ އެވެ. ސަބަބަކީ ވާރު ކާޑުން ކުރިން ހަމައެކަނި ކުރެވެނީ ވިޔަފާރިތަކުން ކުރާ ޓެކުހާ ގުޅޭ މުއާމަލާތްތައް އެކަންޏެވެ. ނަމަވެސް މާސްޓަކާޑު ބިޒްނަސް ޑެބިޓް ކާޑުން ވިޔަފާރީގެ އެހެނިހެން ކަންކަން ވެސް ކުރެވޭނެ ކަމަށް ބީއެމްއެލުން ބުނެ އެވެ. އެގޮތުން ޔޫޓިލިޓީ ބިލުތައް ވެސް ދެއްކާނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

މާސްޓަކާޑު ބިޒްނަސް ޑެބިޓްކާޑަކީ ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެން ވެސް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ ކާޑެއް ކަމަށް އެ ބޭންކުން ބުނެ އެވެ. މި ކާޑު ބޭނުންކޮށްގެން ދުވާލެއްގެ މައްޗަށް އޭޓީއެމްއިން 25،000 ރުފިޔާ ނުވަތަ 1600 ޑޮލަރު ނެގޭނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.