މާލެއާއި ހުޅުމާލެ ހިމެނޭހެން މާލެ ސަރަހައްދުގައި ކަރަންޓް ބޭނުންކުރާ މިންވަރު ރެކޯޑް މިންވަރަކަށް މަތިވެފައިވާއިރު، އެވްރެޖްކޮށް ކަރަންޓް ބޭނުންކުރާ މިންވަރު މިއަދު 102 މެގަވޮޓަށްވުރެ މައްޗަށް އަރާފައިވާކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކަރަންޓް ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށް މަތިވެފައިވާތީ ކަރަންޓް ބޭނުންކުރާ ހުރިހާ ފަރާތްތަކުން ވެސް ކަރަންޓު އިގްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމަށްދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ. އެގޮތުން އާންމު ގޭބީސީތަކާއި، ދައުލަތުގެ އިދާރާތަކާއި، ސަރުކާރުގެ ވުޒާރާތަކާއި، އޮފީސްތަކާއި، ސުކޫލުތަކުގެ އިތުރުން، ބޮޑެތި އަދި ކުދި ވިޔަފާރިތަކުން ވެސް ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުން ކުރުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ދިރާސާތަކުން ދައްކާގޮތުން، އާންމު ގޭބީސީތަކުގެ ކަރަންޓު ބިލްގެ 40 އިންސައްތަ ހިއްސާ ކުރަނީ ފިނިކުރުމަށް ގެންގުޅޭ އެއާކޮންޑިޝަން ފަދަ އާލާތްތަކުން ކަމަށްވާތީ، ހުރިހާ ފަރާތްތަކުންވެސް 25°C އަށްވުރެ ދަށް ނުވާނެހެން އެއާރކޮންޑިޝަން ބެހެއްޓުމަށް ސަމާލުކަން ދިނުމަށް ވެސް ސްޓެލްކޯއިން ވަނީ އެދިފަ އެވެ.

"އަދި ކޮންމެހެން ދިއްލަންޖެހޭ ދިއްލުންތަކާއި، ބޭނުން ކުރަންޖެހޭ ކަރަންޓު އާލާތްތައްފިޔަވާ އިތުރު އާލާތްތަށް މިދުވަސްވަރު ބޭނުން ނުކުރުމަށް އިލްތިމާސްކުރަމެވެ،" ސްޓެލްކޯއިން ބުންޏެވެ.

މީގެ އިތުރުން، މިދުވަސްވަރު ޕީކް ހޭންޑްލް ކުރުމަށްޓަކައި، ހުރިހާ ފަރާތްތަކެއްގެވެސް އެއްބާރުލުމާއި، އެހީތެރިކަން ބޭނުންވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.