މިދުވަސްވަރު ހޫނު ގަދަވުމާއި ގުޅިގެން ހޫނުން ސަލާމަތްވުމަށްޓަކައި ރަސްމީ އޮފީސް ހެދުމުގެ ބަދަލުގައި، ކުރިއަށް އޮތް އެއްމަސް ދުވަހަށް، ސްޓެލްކޯގެ މުވައްޒަފުން ޔުނީފޯމްގައި އޮފީހަށް އައުމުގެ އިހުތިޔާރު ހުރިހާ މުވައްޒަފުންނަށް ދީފި އެވެ.

ސްޓެލްކޯއިން މިރޭ ކުރި ޓްވީޓެއްގައި ވަނީ ޕީކްލޯޑް ދަށްކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ކުންފުނީގެ ހުރިހާ އެއާކޮންޑިޝަންތަކެއް 25 ޑިގްރީއަށްވުރެ ދަށް ނުވާނެހެން ބެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ.

މާލެއާއި ހުޅުމާލެ ހިމެނޭހެން މާލެ ސަރަހައްދުގައި ކަރަންޓް ބޭނުންކުރާ މިންވަރު ރެކޯޑް މިންވަރަކަށް މަތިވެފައިވާއިރު، އެވްރެޖްކޮށް ކަރަންޓް ބޭނުންކުރާ މިންވަރު އިއްޔެ 102 މެގަވޮޓަށްވުރެ މައްޗަށް އަރި އެވެ. ނަމަވެސް ފަހުން ވާރޭ ވެހެން ފެށުމުން ކަރަންޓް ބޭނުންކުރާ މިންވަރު ދަށްވި އެވެ.

ކަރަންޓް ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށް މަތިވެފައިވާތީ ކަރަންޓް ބޭނުންކުރާ ހުރިހާ ފަރާތްތަކުން ވެސް ކަރަންޓު އިގްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމަށްދިނުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފަ އެވެ. އެގޮތުން އާންމު ގޭބީސީތަކާއި، ދައުލަތުގެ އިދާރާތަކާއި، ސަރުކާރުގެ ވުޒާރާތަކާއި، އޮފީސްތަކާއި، ސުކޫލުތަކުގެ އިތުރުން، ބޮޑެތި އަދި ކުދި ވިޔަފާރިތަކުން ވެސް ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުންކުރުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ދިރާސާތަކުން ދައްކާގޮތުން، އާންމު ގޭބީސީތަކުގެ ކަރަންޓު ބިލްގެ 40 އިންސައްތަ ހިއްސާ ކުރަނީ ފިނިކުރުމަށް ގެންގުޅޭ އެއާކޮންޑިޝަން ފަދަ އާލާތްތަކުން ކަމަށްވާތީ، ހުރިހާ ފަރާތްތަކުންވެސް 25°C އަށްވުރެ ދަށް ނުވާނެހެން އެއާރކޮންޑިޝަން ބެހެއްޓުމަށް ސަމާލުކަން ދިނުމަށް ވެސް ސްޓެލްކޯއިން ވަނީ އެދިފަ އެވެ.

"އަދި ކޮންމެހެން ދިއްލަންޖެހޭ ދިއްލުންތަކާއި، ބޭނުން ކުރަންޖެހޭ ކަރަންޓު އާލާތްތައް ފިޔަވައި އިތުރު އާލާތްތައް މިދުވަސްވަރު ބޭނުން ނުކުރުމަށް އިލްތިމާސްކުރަމެވެ،" ސްޓެލްކޯއިން ބުންޏެވެ.

މީގެ އިތުރުން، މިދުވަސްވަރު ޕީކް ހޭންޑްލް ކުރުމަށްޓަކައި، ހުރިހާ ފަރާތްތަކެއްގެ ވެސް އެއްބާރުލުމާއި، އެހީތެރިކަން ބޭނުންވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.