ލޮނުމަހުގެ ތެރޭގައި ފޮރުވައިގެން ރާއްޖޭން ބޭރުކުރަން އުޅެނިކޮށް އަތުލައިގަތީ "އެންޒީ"ގެ މިޔަރު އުރަހަތަކެއް ނޫން ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.

ކަސްޓަމްސް އިން ބުނީ އެކްސްޕޯޓް ކުރަން އުޅެނިކޮށް އަތުލައިގަނެވުނު މިޔަރު އުރަހަތައް ބަންދުކޮށްފައި ހުރީ އެންޒީގެ ފޮށިގަނޑު ތަކެއްގައި ނަމަވެސް، މިޝިޕްމަންޓް އެކްސްޕޯޓް ކުރަން ކަސްޓަމްސްއަށް ޑިކްލެއާކޮށްފައިވަނީ އެންޒީ އިން ނޫން ކަމަށެވެ.

ކަސްޓަމްސް އިން އެގޮތަށް ޓުވީޓުކުރީ މިޔަރު އުރަހަތައް ބަންދުކޮށްފައި ހުރި ފޮށިގަނޑުތަކުގެ ބޭރުގައި އެންޒީ ޖަހާފައި ހުރުމުން ސޯޝަލް މީޑިއާގައި އެތައް ބަޔަކު ސުވާލުކުރަން ފެށުމުންނެވެ. މިހާތަނަށް ވެސް އެއީ ކޮން ބަޔަކު އެކްސްޕޯޓްކުރަން އުޅުނު އުރަހަތަކެއް ކަމެއް ކަސްޓަމްސް އިން ނުބުނެ އެވެ.

އެންޒީއަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސް ގަނެ އެކްސްޕޯޓްކުރާ އެންސިސް ފިޝަރީޒްގެ އެކި އުފެއްދުންތައް ވިއްކަން ބޭނުންކުރާ ބްރޭންޑް ނަމެކެވެ.

ކަސްޓަމްސް އިން ވަނީ ލޮނުމަހުގެ ގޮތުގައި 21 ފޮށީގައި ހުރި 429 ކިލޯގެ މިޔަރު އުރަހަ އިއްޔެ އަތުލައިގެންފަ އެވެ.

ރާއްޖޭގައި މިޔަރު ހިފުމާއި މިޔަރަށް ގޯނާ ކުރުމަކީ މަނާ ކަމެކެވެ. މިޔަރަކީ ހިމާޔަތްކޮށްފައިވާ އެއްޗެކެވެ. ނަމަވެސް ގަވާއިދާއި ހިލާފަށް މިޔަރު ހިފައި އޭގެ އުރަހަ ވިޔަފާރީގެ ގޮތުގައި ބޭނުންކުރަމުން ދެ އެވެ. މީގެ ކުރިން އެފަދަ މައްސަލަތައް ފުލުހުންނަށް ހުށަހަޅާފައި ވެ އެވެ.

މިޔަރު އުރަހައަކީ ވަރަށް ބޮޑު އަގުގައި އޭޝިއާގެ ބައެއް ގައުމުތަކުގައި ވިއްކާ އެއްޗެކެވެ.