އެޗްޑީސީން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި އިތުރު ވިޔަފާރި ކުންފުނިތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެޗްޑީސީން ބުނީ ގައުމަށް ޚިދުމަތް ކުރާނެ ދިވެހިން އުފެއްދުމުގެ މަގުސަދުގައި އެ ކުންފުނިން ކުރިއަށް ގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ހަތަރު ވަނަ ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި 450 އަށް ވުރެއް ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

"މިފަހަރު ހުޅުވާލި ފުރުސަތުގައި ލިބުނު ފުރިހަމަ ތަރުހީބުގެ ސަބަބުންނާއި ވީހާވެސް ގިނަ ފަރާތްތަކަށް ފުރުޞަތު ދިނުމުގެ ގޮތުން މި ޕްރޮގްރާމްގައި ކުންފުނީގެ ސްޓޭކް ހޯލްޑަރުންގެ އިތުރުން ވިޔަފާރި ކުންފުނިތަކަށް ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ވަނީ ހަމަޖެހިފައި އެޗްޑީސީގެ އިސްނެގުމުގެ މަތިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްގައި ބައިވެރިވުމަށް ކުންފުނިތަކަށް ހުޅުވާލުމުގެ އެންމެ ބޮޑު ބޭނުމަކީ އެޗްޑީސީ އަދި އެހެން ކުންފުނިތަކާއި ގުޅިގެން ޤައުމުގެ މަސައްކަތުގެ މައުހައުލުގައި ބިނާކުރެނެވި ހުނަރުވެރި ޒުވާނުންތަކެއް އުފައްދާ ވަޒީފާގެ ބާޒާރަށް ނެރުން،" އެ ކުންފުނިން ބުންޏެވެ.

އެޗްޑީސީން ބުނީ ސީއެސްއާރު ކޮމްޕޯނަންޓެއްގެ ގޮތުގައި ހިމަނައިގެން ކުރިއަށް ގެންދިއުމުގެ ފުރުސަތު ކުންފުނިތަކަށް ލިބިގެންދާއިރު، އެ ކުންފުންޏަކަށް ބޭނުންވާ ފަންނުތަކުން މުވައްޒަފުން ބިނާކުރުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށެވެ. މީގެ އިތުރުން އެ ޕްރޮގްރާމް އިސްތިހާރު ކުރުމަށް ބޭނުންކުރާ ވަސީލަތްތަކުގައި އެފަރާތްތަށް ހިމަނައިގެން އިސްތިހާރު ކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މިޕްރޮގްރާމްގައި ބައިވެރުވުމަށް ސްޕޮންސާޝިޕްގެ ގޮތުގައި ހަތަރު އިޚްތިޔާރީ ޕެކޭޖެއް ޚިޔާރު ކުރުމުގެ ފުރުސަތު ހުޅުވާލައިފައިވެ އެވެ. މިގޮތުން ބްރޯންޒް ޕެކޭޖް، ސިލްވާ ޕެކޭޖް، ގޯލްޑް ޕެކޭޖް އަދި ޕްލެޓިނަމް ޕެކޭޖް ހިމެނެ އެވެ.

އެޗްޑީސީން މި ޕްރޮގްރާމް ކުރިއަށް ގެންދާނީ މޯލްޑިވްސް ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިން އޮތޯރިޓީ (ޓިވެޓް)ގެ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ގައިޑްލައިންސްއާއި ސްޓޭންޑާޑްސް އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

އެޗްޑީސީން ވަނީ މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އާއެކު 17 ޑިސެމްބަރު ގައި އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ.

އެ ކުންފުނިން ބުނި އެ ޕްރޮގްރާމް ފުރިހަމަ ކުރައްވާ ކޮންމެ ފަރާތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ލެވެލް ތިނެއްގެ ސަނަދެއް ހާސިލްކުރުމާއިއެކު، މަސައްކަތުގެ ތަޖުރިބާ ލިބޭނެ ކަމަށެވެ.