ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)ގެ ހިއްސާގެ ފައިދާއަށް ޖެހޭ އަދަދު އިތުރުވެ، ހިއްސާއަކަށް 77 ރުފިޔާ ބެހުމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ.

އެސްޓީއޯ ޑިރެކްޓަރުންގެ ބޯޑުން ނިންމީ މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު ފައިދާއިން ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި ހިއްސާއަކަށް 77ރ. ގެ މަގުން ބަހާށެވެ. މި ނިންމުމަށް އަމަލު ކުރެވޭނީ އެ ކުންފުނިން އެންމެ އަވަހަށް ބާއްވާ އަހަރީ އާއްމު ޖަލްސާގައި އެގޮތަށް ފާސްކޮށްގެންނެވެ.

މިދިޔަ އަހަރު އެސްޓީއޯއިން ހިއްސާއަކަށް 65 ރުފިޔާ ބަހާފައިވެ އެވެ. އެހެންވެ މިދިޔަ އަހަރާ އަޅާބަލާއިރު 12 ރުފިޔާ މި އަހަރު ވަނީ އިތުރުވެފަ އެވެ. 2020 ވަނަ އަހަރު އެސްޓީއޯއިން ހިއްސާއަކަށް ބަހާފައި ވަނީ 58 ރުފިޔާ އެވެ.

އެސްޓީއޯގެ ވިޔަފާރި ފުޅާވަމުން އަންނައިރު ފާއިތުވި ފަސް އަހަރަށް ބެލިނަމަވެސް ހިއްސާދާރުންނަށް ޖެހޭ މިންވަރު ވަނީ އިތުރުވެފަ އެވެ.

މިދިޔަ އަހަރު އެސްޓީއޯއަށް ހިންގުމުގެ ފައިދާގެ ގޮތުގައި 1 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 18.2 ބިލިއަން ރުފިޔާ އެ ކުންފުންޏަށް ލިބިފައިވެ އެވެ. މިއީ 2021 ވަނަ އަހަރު އެ ކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބުނު 10.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު %79 އިތުރު އަދަދެކެވެ.

މިދިޔަ އަހަރު އެސްޓީއޯގެ ހިންގުމުގެ ފައިދާ ރެކޯޑް އަދަދަކަށް އިތުރުވެފައިވާއިރު، މިދިޔަ އަހަރު އެކުންފުންޏަށް ލިބުނު ސާފު ފައިދާ ވެސް ވަނީ 2021 ވަނަ އަހަރަށް ވުރެ އިތުރުވެފަ އެވެ.