މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މުޖުތަމައަށް އެހީވުމަށް ކޮމިއުނިޓީ ފަންޑެއް ތައާރަފުކޮށްފި އެވެ.

އެމްޕީއެލް އިން ޕޯޓް ކޮމިއުނިޓީ ފަންޑުގެ ނަމުގައި ތައާރަފު ކުރި މި ފަންޑުން އެހީ ދޭނީ މުޖުތަމައަށް ފައިދާހުރި ކަންކަން ކުރުމަށެވެ. އދ. ގެ ދެމެހެއްޓެނެވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް ހުށަހަޅާ މަޝްރޫއުތަކަށް އެހީވުމަށް މިފަންޑުން ހާއްސަ އިސްކަމެއް ދޭނެ އެވެ.

އެމްޕީއެލް އިން ބުނީ ފަންޑުން އެހީ ދިނުމަށް ޕޮއިންޓް ދިނުމުގައި އދ.ގެ ލަނޑުދަނޑިތައް ހާސިލްވާ ގޮތަށް ހުށަަހަޅާ ޕްރޮޖެކްޓްތަކަށް 40 ޕަސެންޓް ދޭނެ އެވެ. އަދި އުފެއްދުންތެރި ޕްރޮޖެކްޓްތަކަށް 20 ޕަސެންޓު ދޭނެ އެވެ. ދިނުމުގެ އިތުރުން ޕްރޮޖެކްޓް ޕްލޭން އަދި އިމްޕްލިމެންޓް ކުރާ ގޮތަށް 30 ޕަސެންޓު ދޭއިރު ހުށަހަޅާ ޕްރޮޕޯސަލްގެ ޕްރޮފައިލްއަށް 10 ޕަސެންޓު މާކްސް ދޭނެ އެވެ.

މުޅި ޖުމްލަ ފަނޑަކީ 600،000 ރުފިޔާ އެވެ. އަހަރަކު 10 މަޝްރޫއަށް އެހީވުމަށް އެމްޕީއެލްއިން ވަނީ ނިންމާފައި އެވެ. އެގޮތުން 3 މަހަށް ހިންގާ ކުދި 8 މަޝްރޫއު ހިންގުމަށް ކޮންމެ މަޝްރޫއަކަށް 50،000 ރުފިޔާ ހަމަޖައްސާފައިވެ އެވެ.

އެއް އަހަރު ދުވަހަށް ހިންގާ ބޮޑު ދެ މަޝްރޫއު ހިންގުމަށް ކޮންމެ މަޝްރޫއަކަށް 100،000 ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ.

އެމްޕީއެލް ކޮމިއުނީޓ ފަންޑުގެ މަޝްރޫއުތަކަށް ސަރުކާރުގެ އެއްވެސް ކުންފުންޏަކަށް ކުރިމައްޗެއް ނުލެވޭނެ އެވެ. ނަމަވެސް ކައުންސިލްތަކާއި ހިލޭ ސާބަހަށް މަސައްކަތް ކުރާ ސަރުކާރު އަދި އަމިއްލަ ޖަމިއްޔާތަކުގެ އިތުރުން ކްލަބްތަކާއި ސްކޫލްތަކަށް ކުރިމަތިލެވޭނެ އެވެ.

އެމްޕީއެލްއިން ވަނީ މިހާރު ކޮމިއުނިޓީ ފަންޑުގެ މަޝްރޫއުތަކަށް ކުރިމަތިލާން ހުޅުވާލާފަ އެވެ.