އެސްޓީއޯއަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާ ގޮތުގައި 368 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ތެލާއި ގޭހުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ކުންފުނިން ވަނީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓް، އެ ކުންފުނީގެ ވެބްސައިޓުގައި މިއަދު އާއްމުކޮށްފަ އެވެ.

އެސްޓީއޯ އިން ބުނިގޮތުގައި ފާއިތުވި ކުއާޓަރަކީ އަނެއްކާ ވެސް އެސްޓީއޯއަށް ކާމިޔާބު ކުއާޓަރެކެވެ.

މާލީ ހިސާބުތައް

އެސްޓީއޯގެ ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން ޖުމްލަ އާމްދަނީގެ ގޮތުގައި 4.4 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރުގެ ފުރަތަމަ ކުއާޓާރާ އަޅާ ބަލައިއިރު 10 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ މައިގަނޑު ސަބަބަކީ އެ ކުންފުނިން ކުރަމުން އަންނަ އެހެނިހެން ވިޔަފާރިތައް ކުރިއަރައި މި ވިޔަފާރިތަކުން ލިބުނު އާމްދަނީ އިތުރުވެފައިވުން ކަމަށް އެސްޓީއޯއިން ބުނެ އެވެެ. ނަމަވެސް ކުންފުނީގެ މައިގަނޑު ވިޔަފާރި ކަމަށްވާ ތެލުގެ އަގަށް އާއި ބަދަލާއެކު، މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓާރާ އަޅާބަލާއިރު އާމްދަނީ ވަނީ 3 އިންސައްތައިން ދަށްވެފައި ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

އެސްޓީއޯއިން ބުނިގޮތުގައި އެ ކުންފުނީގެ ޖުމްލަ އާމްދަނީ އިތުރުކުރެވުމާއެކު ޖުމްލަ ފައިދާގެ ގޮތުގައި 809 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ އޭގެ ކުރީ ކުއާޓަރާ އަޅާ ބަލައިއިރު 19 އިންސައްތައިގެ ކުރިއެރުމެއް ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި ޖުމްލަ ފައިދާ އިތުރުވުމާއެކު ހިންގުމުގެ ފައިދާގެ ގޮތުގައި 503 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

އެ ކުންފުނިން ބުނިގޮތުގައި ޓެކްސްއަށް ކެނޑުމުގެ ކުރިން މިދިޔަ ކުއާޓާރުގެ ސާފު ފައިދާއަކީ 436 މިލިއަން ރުފިޔާ އެވެ. އަދި ޓެކުހަށް ކެނޑުމަށްފަހު އެ ކުއާޓާރުގެ ސާފުފައިދާގެ ގޮތުގައި 368 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ވެސް އެސްޓީއޯ އިން ބުނެ އެވެ.

އެ ކުންފުނިން ބުނިގޮތުގައި މިއީ އޭގެ ކުރީ ކުއާޓާރާ އަޅާބަލާއިރު 37 އިންސައްތައިގެ ކުރިއެރުމެކެވެ.

"މީގެ މައިގަނޑު ސަބަބަކީ، މަތީގައި ބަޔާންކުރެވުނު ފަދައިން، ކުންފުނިން ކުރަމުން ގެންދާ ވިޔަފާރީތައް ރަގަޅުކުރެވި ޖުމްލަ ފައިދާ އިތުރުކުރެވިފައިވުމާއި ހިންގުމުގެ ހަރަދު އޭގެ ކުރީ ކުއާޓާރާ އަޅާބަލައިއިރު ދަށްކުރެވިފައިވޭ. މި ފުރުސަތުގައި އެސްޓީއޯގެ ވިޔަފާރީގެ އެންމެހާ ބައިވެރިން އެސްޓީއޯގެ ކަންކަމާމެދު ބަހައްޓަވާ ގާތްކަމާއި ދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށް، ނިހާޔަތައް ޝުކުރު ދަންނަވަން،" އެސްޓީއޯ އިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެ އެވެ.