މި އަހަރުގެ ފުރަތަމަ ކުއާޓާގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ފައިދާގެ ގޮތުގައި 504.2 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުން އާއްމުކުރި ރިޕޯޓްގައިވާ ގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.1 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާބަލާއިރު އިތުރު އަދަދެކެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ބީއެމްއެލްއަށް ލިބިފައިވަނީ 983.1 މިލިއަން ރުފިޔާ އެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ބީއެމްއެލްގެ ހިންގުމުގެ ހަރަދަކީ 164.5 މިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީގެ ކުއާޓަރާއި އަޅާބަލާއިރު ދަށް ޢަދަދެކެވެ. އޭގެކުރީ ކުއާޓަރުގައި ހިންގުމުގެ ހަރަދުގެ ގޮތުގައި ހިނގާފައިވަނީ 256.6 މިލިއަން ރުފިޔާ އެވެ.

ފުރަތަމަ ކުއާޓާގައި ޓެކުހަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި ލިބިފައިވަނީ 690 މިލިއަން ރުފިޔާ އެވެ. މިދިޔަ ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެ ކުރިން ބީއެމްއެލްގެ ފައިދާއަކީ 380 މިލިއަން ރުފިޔާ އެވެ.

ބީއެމްއެލް އަށް ވަނީ މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ލިބިފަ އެވެ.

ބީއެމްއެލްގެ ޒަމާނީ ބޭންކިން ވިއުގަތަކާ އެކު ރާއްޖޭގެ 20 އަތޮޅުގައި 35 ބްރާންޗާއި، 82 ސެލްފްސާވިސް ބޭންކިން ސެންޓަރާއި، 140 އޭޓީއެމް އާއި 7،900 ޕޮއިންޓް އޮފް ސޭލް މާޗަންޓުންގެ އިތުރުން 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން ތިބެ އެވެ.