ޗައިނާގެ އަލީބާބާގެ ފައުންޑަރު އަދި މަޝްހޫރު މަހުޖަނު، ޖެކް މާ ޖަޕާނުގެ ޓޯކިއޯ ކޮލޮޖްގެ ވިޒިޓިން ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ޓޯކިއޯ ޔުނިވަސިޓީން ބުނީ އުމުރުން 58 އަހަރުގެ ޖެކް މާ މިއަހަރުގެ އޮކްޓޯބަރުގެ ނިޔަލަށް ޓޯކިއޯ ކޮލޮޖްގެ ވިޒިޓިން ޕްރޮފެސަރުގެ ގޮތުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ.

މި މުއްދަތު ތެރޭގައި އޭނާ އެކިއެކި ރިސާޗް ދާއިރާތަކަށް ލަފާ ދެއްވައި މެނޭޖްމަންޓާއި ބިޒްނެސް ސްޓާޓަޕް ފަދަ ދާއިރާތަކުން ލެކްޗާތައް ދެއްވާނެ އެވެ.

ޖެކް މާ ބޭނުންވެއްޖެ ނަމަ އެގްރިމަންޓްގެ މުއްދަތު އަހަރުން އަހަރަށް އާކުރުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ކޮލެޖުން ބުނެ އެވެ.

ވިޔަފާރިވެރިއެއްގެ ގޮތުގައި އާންމުންގެ ތެރޭގައި މަޝްހޫރުވުމުގެ ކުރިން ވެސް ޖެކް މާ އަކީ ޓީޗރެއްގެ ގޮތުގައި ތައުލީމީ ދާއިރާގައި މަސައްކަތްކުރެއްވި ފަރާތްތަކެވެ. އެގޮތުން ޗައިނާގެ ހެންގްޒޫ ސިޓީގެ ޔުނިވަސިޓީގައި އިނގިރޭސި ޓީޗަރެއްގެ ގޮތުގައި ޖެކް މާ މަސައްކަތް ކުރެއްވި އެވެ.

ޖެކް މާ ވަނީ މިދިޔަ އަހަރު ގައުމުތަކުގައި ކޮވިޑް-19 ގެ ހާލަތު އެންމެ ގޯސްވި ދަނޑިވަޅު ވަރަށް ގިނަ ގައުމުތަކަށް ބޮޑެތި އެހީތަކެއް ވެސް ދެއްވާފައިވެ އެވެ.