އެސްޓީއޯއަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 18.2 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނިން މިއަދު އާއްމުކުރި މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އެސްޓީއޯއިން ވަނީ ރެކޯޑު އަދަދަކަށް އާމްދަނީ އަދި ފައިދާ ހާސިލްކޮށްފަ އެވެ. އެގޮތުން 2021 ވަނަ އަހަރު އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 10.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، 2022 ވަނަ އަހަރު އާމްދަނީގެ ގޮތުގައި 18.2 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ 2021 ވަނަ އަހަރާއި އަޅާބަލާއިރު %79 ގެ ކުރިއެރުމެކެވެ.

އެސްޓީއޯއިން ބުނިގޮތުގައި އެ ކުންފުނީގެ އާމްދަނީ މިދިޔަ އަހަރު އިތުރުވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއެކު، މިދިޔަ އަހަރު އެ ކުންފުނިން ވިއްކި ތެލުގެ އަދަދު ވެސް އޭގެ ކުރީ އަހަރާއި އަޅާބަލާއިރު %27 އިތުރުވެފައިވުމެވެ.

"އެއީ އިތުރު މާކެޓް ޝެއާ ލިބި، ވިއްކުނު ވޮލިއުމް ވެސް އިރުވެގެން. ހަމަމިއާއެކު، ކުންފުނީގެ އެހެނިހެން ވިޔަފާރިތައް ވެސް ވަނީ ކުރިއަރާ، އާމްދަނީ އިތުރުވެފައި،" އެ ކުންފުނިން ބުންޏެވެ.

އެސްޓީއޯގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ޖުމްލަ ފައިދާގެ ގޮތުގައި އެސްޓީއޯއަށް ދެ ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި 2021 ވަނަ އަހަރު ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައި ވަނީ 1.5 ބިލިއަން ރުފިޔާ އެވެ. މިއީ %41 ގެ ކުރިއެރުމެކެވެ.

އެ ކުންފުނިން ވަނީ 2022 ވަނަ އަހަރު އޮޕަރޭޓިން ޕްރޮފިޓްގެ ގޮތުގައި ފުރަތަމަ ފަހަރަށް، 1 ބިލިއަން ރުފިޔާ، ހާސިލްކޮށްފަ އެވެ. 2021 ވަނަ އަހަރު އޮޕަރޭޓިން ޕްރޮފިޓްގެ ގޮތުގައި ލިބިފައި ވަނީ 643 މިލިއަން ރުފިޔާ އެވެ.

މިއާއެކު، ޓެކްސްއަށް ކެނޑުމަށް ފަހު 2022 ވަނަ އަހަރަށް ސާފު ފައިދާގެ ގޮތުގައި 728 މިލިއަން ރުފިޔާ ރެކޯޑްކުރެވިފައިވެ އެވެ. 2021 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 487 މިލިއަން ރުފިޔާ އެވެ. މިއީ %50 ގެ ކުރިއެރުމެކެވެ. އަދި މީގެ މައިގަނޑު ސަބަބަކީ ވެސް ހަމަ އެ ކުންފުނިން ކުރަމުން އަންނަ ވިޔަފާރިތައް ހަރުދަނާކުރެވި، ޖުމްލަ ފައިދާ އިތުރުކުރެވިފައިވުމެވެ. ކުންފުނީގެ ފައިދާ ރަނގަޅު ކުރެވުމާއި އެސްޓީއޯ ގްރޫޕްގެ ގިނަ ކުންފުނިތަކުން ފައިދާ އިތުރުވުމާއިއެކު އެސްޓީއޯ ގްރޫޕްގެ ފައިދާ ވެސް ވަނީ އިތުރުވެ، 1 ބިލިއަނަށް އަރާފަ އެވެ.