ރާއްޖޭގެ ރުއްތަކަށް ނުރައްކާތެރި ބައްޔެއް ޖެހި، ކާށި ލިބުން ދަތިވާތީ އެކަމަށް ހައްލެއް ހޯދަން ސަރުކާރުން ގެނެސްފައިވާ ރުއްތައް އަންނަ ހަފްތާގައި ބަހަން ފަށާނެ ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ ރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން 7 އަތޮޅެއްގެ 11 ރަށަކަށް ރުއްތައް ބެހުމަށް ނިންމަވާފައިވާކަމަށެވެ. މި ރުއްތައް ބެހުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީގެ ބެލުމުގެ ދަށުން އަތޮޅުތެރެއަށް، 3 ބުރަކަށް ބަހާލައިންގެން ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގައި އިންދަން އިންޑިއާގެ ކެރެލާއިން ގެނައީ 5،000 ރުކެވެ. މިރުއްތައް މިހާރު ހުރީ ހަނިމާދޫގައި ބަހައްޓާފަ އެވެ.

ރާއްޖެ ގެނެސްފައިވާ ރުއްތަކުން ބައްޔެއް ޖެހިފައި ހުރި ތޯ ފާހަގަ ކުރުމަށް ހަނިމާދޫ ސެންޓަރުގައި ބެހެއްތިފައި ހުރި 5000 ކުދި ރުއްތަކުން މިހާތަނަށް އެއްވެސް ބައްޔެއް ހުރިތޯ ފާހަގަވެފައި ނެތް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެގްރިކަލްޗާ މިނިސްޓްރީން މީގެ ކުރިން ވަނީ ބަލީގެ އެއްވެސް އަލާމާތެއް އެއްވެސް ގަހަކުން ފެނިއްޖެ ނަމަ އެ ރަށެއްގެ ކައުންސިލް މެދުވެރިކޮށް އެންގުމަށް އެދިފަ އެވެ. ބައެއް މީހުން ބަލި ޖެހިފައިވާ ގަސްތައް ރަނގަޅު ކުރުމަށް ތަފާތު ބޭސް ބޭނުންކުރެ އެވެ.

ރުއް ފޮނުވާ 11 ރަށް

  • މ. މުލީ
  • ހއ. އުތީމު
  • ހދ. ނޭކުރެންދޫ
  • ރ. ހުޅުދުއްފާރު
  • ނ. ވެލިދޫ
  • ހދ. ވައިކަރަދޫ
  • ރ. ފައިނު
  • އދ. ދަނގެތި
  • ނ. މަނަދޫ
  • ނ. ކެނދިކުޅުދޫ
  • އއ. ތޮއްޑޫ