ރާއްޖޭގެ ދެ ރިސޯޓަކުން ފުރަތަމަ ފަހަރަށް ތުނބުޅި ބެހެއްޓުމުގެ ހުއްދަ ދީފި އެވެ.

މި ހުއްދަ މުޅިން އަލަށް ރާއްޖޭގައި ދިން ދެ ރިސޯޓަކީ ދުސިތު ތާނީ މޯލްޑިވްސް ރިސޯޓާއި އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުންނަގައު ރިސޯޓެވެ.

ދުސިތު ތާނާ ރިސޯޓުން، އެރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މި ހުއްދަ ދީފައިވާއިރު، އެތަނުގެ މުވައްޒަފުން ތުބުޅި ބެހެއްޓޭނެ ގޮތުގައި ސާކިއުލާއެއް ނެރެފައިވެ އެވެ. އެގޮތުން މުވައްޒަފުންނަށް ތުނބުޅި ބެހެއްޓޭނީ ކަންހުޅިއާއި ގުޅިގެންދާ ގޮތަށް ކަމަށާއި، ތުނބުޅީގެ ދިގުމިން ބެހެއްޓޭނީ ދެ މިލިމީޓަރަށް ކަމަށް ބުނެފައިވެ އެވެ.

އޭގެ އިތުރުން އިންޓަކޮންޓިނެންޓަލް މޯލްޑިވްސް އިން ވެސް މުވައްޒަފުންނަށް ތުނބުޅި ބެހެއްޓޭނެ ވަކި އުސޫލެއް އާންމުކޮށްފައިވެ އެވެ. އެ އުސޫލުގައިވާ ގޮތުން ތުނބުޅި ބަހައްޓަން ޖެހޭނީ ޑީސެންޓުކޮށް ކަމަށް ބުނެފައިވެ އެވެ.

އެއާއެކު އާންމުންނާއި، ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ހައްގުތަކާއި ގުޅޭގޮތުން އަޑުއުފުލާ ޖަމިއްޔާ ޓީމް ކުރި ޕޯސްޓެއްގައި ހުރިހާ ރިސޯޓުތަކުންވެސް މިފަދައިން މުވައްޒަފުންނަށް ތުނބުޅި ބެހެއްޓުމަށް ފުރުސަތު ދިނުމަށް ގޮވާލާފައިވެ އެވެ.

ރާއްޖޭގައި މުޅިއަކު 170 ރިސޯޓު އޮޕަރޭޓް ކުރަމުން ގެންދާއިރު، ގިނަ ރިސޯޓުތަކުގައި މަސައްކަތް ކުރާ ފިރިހެނުން، ތުނބުޅި ބެހެއްޓުމަކީ މަނާ ކަމެކެވެ.