މާލެސިޓީ ކައުންސިލްގެ ފަރާތުން "މާލެ ފެހި ފެއާ 2023" ގެނަމުގައި ގަސް ވިއްކުމުގެ ފެއާއެއް ބޭއްވުމަށް ހަމަޖައްސައިފި އެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މިފެއާ ބޭއްވުމަށް ނިންމާފައިވަނީ މިމަހުގެ 11 އިން 13 ވަނަ ދުވަހުގެ ނިޔަލަށް އާޓިފިޝަލް ބީޗްގައި ކަމަށެވެ.

މި ފެއާގައި ގަސް ވިއްކާ ފަރާތްތައް ބައިވެރިކުރުމުގެ ގޮތުން 15 މޭޒު އާއްމުކޮށް ވިއްކުމަށް ވަނީ ހަމަޖެހިފަ އެވެ. މޭޒެއްގެ އަގަކީ ތިން ދުވަހަށް 1500 ރުފިޔާ އެވެ. މި މޭޒުތައް ތައްޔާރުކުރުމާއި، އެތަނުން ބޭނުންވާ ކަރަންޓް ފޯރުކޮށްދޭނީ މާލެސިޓީ ކައުންސިލްގެ ފަރާތުންނެވެ.

"މާލެ ފެހި ފެއާ 2023" އާއި ގުޅޭ ގޮތުން މާލެ ސިޓީ ކައުންސިލްގެ ޕްރޮޖެކްޓް މެނޭޖަރ މުހައްމަދު މަބްރޫކް ވިދާޅުވީ މިފަދަ ފެއާއެއް ބޭއްވުމުގެ މަޤްސަދަކީ ގަސް ހައްދާ ގެންގުޅޭ އާއްމު ފަރާތްތަކަށް ގަސް ވިއްކުމުގެ ފުރުސަތު ދިނުން ކަމަށެވެ. އެގޮތުން ގޭގޭގައި ގަސް ހައްދާ ފަރާތްތަކަށްވެސް މި ފެއާގައި ބައިވެރިވެ ގަސް ވިއްކުމުގެ ފުރުސަތު ތަނަވަސްކޮށްދޭނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ މިއީ ފެށުމެއް ކަމަށާއި، ކުރިއަށް އޮތްތަނުގައި މާލެސިޓީ ކައުންސިލުން މިފަދަ ފެއާތައް ބޭއްވުމަށް ވިސްނާފައިވާ ކަމަށެވެ.

“މިއީ ފެށުމެއް. މީގެ މަގުސަދަކީ ގަސް ހައްދާ ގެންގުޅޭ އާއްމު ފަރާތްތަކަށް އަދި ގޭގޭގައި ގަސް ހައްދާ ފަރާތްތަކަށް ވެސް މި ފެއާގައި ބައިވެރިވެ ގަސް ވިއްކުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުން،" މަބްރޫކް ވިދާޅުވި އެވެ.

މި ފެއާ އާ ގުޅޭގޮތުން ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ފެއާ އިން މޭޒު ބޭނުންފުޅުވާ ފަރާތްތަކުން https://forms.gle/r68TqtNcGjbcsENb7 މި ލިންކް މެދުވެރިކޮށް މި ކައުންސިލްގެ މާވެހި ޕޯޓަލް އިން މި މެއި މަހުގެ 10 ވަނަދުވަހުގެ ކުރިން ހުށަހެޅުއްވުމަށް ދަންނަވާ ކަމަށެވެ. އަދިމޭޒު ދޫކުރާނީ އެދޭ ތަރުތީބުން 15 މޭޒު ހަމަވަންދެން ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ. މިކަމާ ބެހޭގޮތުން މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 9990080 ނަމްބަރއަށެވެ. ނުވަތަ 1622 އަށެވެ.

މާލެ ސިޓީ ކައުންސިލުން ކާނިވާ ސަރަހައްދުގައި ގާއިމްކުރި "މާލެ ފެހި" އައުޓްލެޓަކީ ކައުންސިލްގެ ހަތަރުވަނަ ދައުރުގައި އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ "އެއްލައްކަ ގަސް" ޕްރޮގްރާމްގެ ދަށުން ގަސްތައް ބަލަހައްޓާ ހެއްދުމަށް ކާނިވާ ސަރަޙައްދުގައި ގާއިމްކުރި އައުޓްލެޓެކެވެ.

"މާލެ ފެހި" އައުޓްލެޓް ހުޅުވުމުގެ ރަސްމިއްޔާތުގައި މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ މިއީ "އެއްލައްކަ ގަސް" ޕްރޮގްރާމަށް އިތުރުވި ބޮޅެއް ކަމަށާ މި ޕްރޮގްރާމަކީ ދެމެހެއްޓެނިވި ވަށާޖެހޭ ގޮތެއްގައި ކުރިއަށްގެންދާނެ މަޝްރޫއުއެއް ކަމަށެވެ. އެގޮތުން އާންމުންނަށް ގަސް ގަނެވޭނެގޮތަށް ހެދުމުގެ ބޭނުމަކީ މާލެ ފެހިކުރުމަށް ބޭނުންވާ ފަރާތްތަކަށްވެސް އެފުރުސަތު ފަހިވެގެންދާނެ ގޮތަށް އެކަން ކުރުން ކަމަށެވެ. އަދި މިކަމުގެ ސަބަބުން އަމިއްލަ ގޭގައި އަދި ގޯތިތެރޭގައި ގަސް ހެއްދުމަށް ބޭނުންވާ ފަރާތްތަކަށް ވެސް ފުރުސަތު ލިބިގެން ދާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ