އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުންގެ ތަމްސީލްކުރާ ޑިރެކްޓަރުކަމުގެ މަގާމަށް ހަތަރު ބޭފުޅަކު ވާދަކުރާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި، އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުން ތަމްސީލްކުރާ މެންބަރެއްގެ ގޮތުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލީ އޭޕްރީލް 1 އިން 24 އޭޕްރިލްގެ ނިޔަލަށެވެ.

އެ ކުންފުނިން ބުނީ މި މުއްދަތުގެ ތެރޭގައި 5 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށާއި، މީގެ ތެރެއިން އިންޓަވިއުއަށް ހާޒިރުވެފައި ވަނީ 4 ފަރާތަކުން ކަމަށެވެ. އަދި އިންޓަވިއުއަށް ހާޒިރުވި ހުރިހާ ބޭފުޅުންނަކީ ވެސް އެ މަޤާމަށް އިންތިޙާބްކުރުމަށް ގާބިލް ފަރާތްތަކެއް ކަމަށް އެސްޓީއޯގެ ބޯޑުން ފާސްކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް އާއްމު ހިއްސާދާރުންގެ ފަރާތުން ކުރިމަތިލި ބޭފުޅުންނަކީ:

  • މ.މެއިންޒް - ފާތިމަތު ޒުބްނާ އަދުނާނު
  • ވ. ޝެހެނާޒް މަންޒިލް - އަބްދުﷲ ސައީދު
  • މއ. ޓިއުލިޕް ވިލާ - މުހައްމަދު އަހުސަން ސަލީމް
  • ހ. ރީނދޫ ކޮކާ - އާއިޝަތު ހުސައިން މަނިކު

އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުންގެ ފަރާތުން މެންބަރަކު އައްޔަންކުރުން އޮންނާނީ އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގަ އެވެ. އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންގެ މެދުގައި ވޯޓެއް ނަގާނެ އެވެ.

ހަތް މެމްބަރުން ތިއްބަވާ އެސްޓީއޯގެ ބޯޑުގައި އާއްމު ހިއްސާދާރުން ތަމްސީލްކުރާ 1 ޑިރެކްޓަރު އަދި ސަރުކާރުގެ ފަރާތުން 6 ޑިރެކްޓަރުން ތިއްބަވަ އެވެ.