ސާވިސް ޗާޖުގެ ގޮތުގައި ސޮނެވާ ޖާނީން މިދިޔަ މަހު ކޮންމެ މުވައްޒަފަކަށް 2،663 ޑޮލަރު ( 41،063ރ) ދީފި އެވެ.

ސޮނޭވާ ގްރޫޕުން ނ. އަތޮޅުގައި ހިންގާ މަތީ ފެންވަރުގެ ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި މިދިޔަ މަހު 2،663 ޑޮލަރު ދިންއިރު، މިއީ އެ ރިސޯޓުގެ ހަޔާތުގައި ވެސް ސާވިސް ޗާޖުގެ ގޮތުގައި އެންމެ ބޮޑު ދިން ފަހަރު ކަމަށްވެ އެވެ. އެ ރިސޯޓުން ސާވިސް ޗާޖު ބަހާފައި ވަނީ ސޮނެވާފުއްޓަށް ލިބުނު އާމްދަނީއާ އެއްކޮށްލައިގެންނެވެ.

ސޮނެވާ ފުއްޓަކީ ވެސް މުއްސަނދިން ގިނަ އަދަދަކަށް ޗުއްޓީ ހޭދަކުރަން އަންނަ މަތީ ފެންވަރުގެ ރިސޯޓެކެވެ.

ދެވަނައަށް އެންމެ ބޮޑު އަދަދެއް ދީފައި ވަނީ ވެލާ ޕްރައިވެޓް އައިލެންޑުންނެވެ. އެ ރިސޯޓުން ކޮންމެ މުވައްޒަފަކަށް 1،832 ޑޮލަރު ދީފައިވެ އެވެ.

މީގެ އިތުރުން ނައުޓިލަސް މޯލްޑިވްސް އިން 1،332 ޑޮލަރު އަދި ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުން 1،326 ޑޮލަރު ދީފައިވެ އެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑު ބަންދުކުރުމަށްފަހު އަލުން ހުޅުވާލުމުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. ހާއްސަކޮށް އާ އަހަރާ ދިމާކޮށް ގިނަ ރިސޯޓުތައް ވަނީ ފުރިފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ބޯޑަރު ހުޅުވިފަހުން ރާއްޖެއަށް 172،552 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި 96،411 ޓޫރިސްޓުން އައިސްފައިވެ އެވެ.