ގަވާއިދާއި ޚިލާފަށް ހުޅުމާލޭގެ ޕޭމަންޓު މަތީގައި ބަހައްޓާފައިވާ ގޮނޑިއާއި މޭޒު ނެގުމަށް އާބަންކޯ އިން އަންގައިފި އެވެ.

އެ ކުންފުނިން ބުނީ ހުޅުމާލޭގައި ހިންގުމަށް ހުއްދަދީފައިވާ ކެފޭތަކާއި، ޓޭކްއަވޭ ޝޮޕްތަކަށް ދޫކޮށްފައިވާ ހުއްދައާއި ޚިލާފަށް ޕޭމަންޓްމަތީގައި ވިޔަފާރިކުރަމުންދާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އަދި މިކަމާ ގުޅިގެން ބެލިބެލުމުން ގަވާއިދާއި ޚިލާފަށް ހުޅުމާލޭގެ 34 މަގެއްގެ ޕޭމަންޓުގައި 183 މޭޒު ބަހައްޓައި ޚިދުމަތްދެމުން އަންނަކަން ފާހަގަވެފައިވާ ކަމަށް އާބަންކޯއިން ބުނެ އެވެ. އެގޮތުން ބައެއް ކެފޭތަކާއި ޓޭކްއަވޭ ޝޮޕްތަކުން މަގުގެ ޕޭމަންޓުގައި ގޮނޑިއާއި، މޭޒު ބަހައްޓައި އެތަނުގައި ވެސް ކެފޭ ޚިދުމަތް ދެމުން އަންނަކަން ފާހަގަކުރެވިފައިވާ އެގޮތަށް ފާހަގަކުރެވިފައިވާ ފަރާތްތަކަށް މަގުމަތިން ގޮނޑިއާއި މޭޒު ނެގުމަށް އަންގާފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މަގުތަކަކީ ކުދި ބޮޑު އެންމެން ބޭނުންކުރާ ތަނަކަށްވާއިރު، މިގޮތަށް ޕޭމަންޓުތަކުގައި ގޮނޑި މޭޒު ބަހައްޓައި، ކެފޭ އުސޫލުން ހިންގައި އެތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ އަމަލުތައްކުރުމަކީ އޭގެ ނޭދެވޭ އަސަރު މުޅި މުޖުތަމައަށް ވެސް ކުރާކަމެއް ކަމަށް އާބަންކޯ އިން ބުނެ އެވެ. އެހެންކަމުން ވިޔަފާރިތަކުން އެފަދަކަންކަން ތަކުރާރު ނުކުރުމަށް ވެސް އެ ކުންފުނިން އިލްތިމާސްކުރެ އެވެ.

ހުޅުމާލޭގެ މާހައުލަކީ އެންމެންނަށް ވެސް ފަސޭހަ އަދި ހިތްގައިމު މާހައުލަކަށް ހެދުމަށް އާބަންކޯން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހުޅުމާލޭގެ މަގުތަކަކީ ޢާއްމުންނަށް ރައްކާތެރި އަދި އުނދަގުލަކާއި ނުލާ އުޅެވޭނެ ސަރަޙައްދަކަށް ހެދުމަށް އާބަންކޯ އިން ޚާއްސަ އިސްކަމެއްދެ އެވެ.