ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކަސްޓަމަރުންގެ ރައްކާތެރިކަމަށް އަޅާ އިތުރު ފިޔަވަޅެއްގެ ގޮތުން މޯބައިލް ބޭންކިން ލޮގިންއަށް ޓޫ- ފެކްޓަ އޮތެންޓިކޭޝަން މިއަދު ތައާރަފްކޮށްފި އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭންކިން ހިދުމަތްދޭ ބީއެމްއެލް އިން ބުނީ މި ފެށޭ ހަފުތާ ތެރޭގައި އެ ހިދުމަތް އިންޓަނެޓް ބޭންކިންއަށް ވެސް ލިބޭނެ ކަމަށެވެ. އަދި މި އަޕްޓޭޑްއާއެކު، ލޮގިންވާ ފަރާތަކީ ރަޖިސްޓްރީވެފައިވާ ކަސްޓަމަރުކަން ޔަގީންކުރުމަށް އިތުރު ސެކިއުރިޓީ ފަށަލައެއް އިތުރުކުރެވިގެންދާނެ ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.

"އެޕް އަޕްޓޭޑް ކުރުމާއެކު، ކަސްޓަމަރުންނަށް މޯބައިލް ބޭންކިން އެޕްއަށް ލޮގިންވުމަށްފަހު، ލޮގިންވުމުގެ ދެވަނަ ދެވަނަ ސްޓެޕެއްގެ ގޮތުގައި އޯޓީޕީ (ވަން ޓައިމް ޕާސްވޯޑް) ޖަހަންޖެހޭނެ. ރަޖިސްޓްރީކޮށްފައިވާ މޯބައިލް ނަންބަރު ނުވަތަ އޮތެންޓިކޭޓަ އެޕް މެދުވެރިކޮށް ވެސް އޯޓީޕީ ޖެނެރޭޓް ކުރެވޭނެ،" ބީއެމްއެލް އިން ބުންޏެވެ.

އެ ބޭންކުން ބުނީ ސްކޭމްތައް ހިންގާ ފަރާތްތަކުން އެ މީހުންގެ އުކުޅުތައް އެކި ދުވަސްވަރު އެކި ގޮތްގޮތަށް ބަދަލަކުރަމުން އަންނައިރު، ކަސްޓަމަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭންކުން މެދުނުކެނޑި މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. މި ގޮތުން މިދިޔަ މާޗު މަހު، އެ ބޭންކުން ހުރިހާ ސްކޭން- ޓު-ޕޭ މުއާމަލާތްތަކަށް ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) ބޭނުންކުރަންޖެހޭ ގޮތަށް ހަމަޖައްސައި، އިންޓަނެޓް އަދި މޯބައިލް ބޭންކިން އަށް ލޮގިންވާ ކޮންމެ ފަހަރަކު އެލާޓްސް ދާގޮތަށް ހަމަޖައްސާފައިވާ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

މީގެ އިތުރުން އޮތެންޓިކޭޓަ އެޕްތައް މެދުވެރިކޮށް އޯޓީޕީ ޖެނެރޭޓްކުރެވޭ ގޮތް ހަމަޖައްސައި، ޑިފޯލްޓް އޯޓީޕީ ޗެނެލްއެއްގެ ގޮތުން އީމެއިލް މެދުކަނޑާލައި އިންޓަނެޓް އަދި މޯބައިލް ބޭންކިން މެދުވެރިކޮށް ކުރާ ހުރިހާ މުއާމަލާތްތަކަށް ޕުޝް ނޮޓިފިކޭޝަން ފޮނުވަން ފަށާފައިވާ ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.

"ބޭންކުން ތަކުރާރުކޮށް އެދެނީ ކަސްޓަމަރުންގެ ޒާތީ މައުލޫމާތު އެހެން ފަރާތަކާ ހިއްސާނުކުރުމަށް. އަދި ދޭތެރެ ދޭތެރެއިން ޕާސްވޯޑް ބަދަލުކުރުމާއި ވަރުގަދަ ޕާސްވޯޑް އެއް ބޭނުންކުރުމަށް ހަނދުމަކޮށްދެން،" ބީއެމްއެލް އިން ބުންޏެވެ.