މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް މިދިޔަ އަހަރު 287 ޕްރައިވެޓް ޖެޓް ޖައްސައިފި އެވެ.

އެ އެއާޕޯޓް ހިންގާ އައިލެންޑް އޭވިއޭޝަންގެ ޖެނެރަލް މެނޭޖަރު މުމްތާޒް އަލީ މިއަދު ވިދާޅުވީ މިދިޔަ އަހަރުތެރޭ އެ އެއާޕޯޓަށް އެންމެ ގިނަ އަދަދަކަށް ޖައްސާފައި ވަނީ ރަޝިއާގެ ޓޫރިސްޓުންނާއެކު އައި ޕްރައިވެޓު ޖެޓުތައް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއާޕޯޓު ހުޅުވިތާ އަހަރެއްހާ ދުވަސްމިވީ. މިހާތަނަށް އެންމެ ގިނަ ޕްރައިވެޓް ޖެޓް އައީ މިދިޔަ މަހު،" މުމްތާޒު ވިދާޅުވި އެވެ.

ނ. މާފަރު އެއާޕޯޓަށް ޖައްސާފައިވާ ޕްރައިވެޓް ޖެޓްތަކެއް. އެ އެއާޕޯޓަށް ޖައްސާ ޖެޓްތަކުގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި. ފޮޓޯ: މާފަރު އެއާޕޯޓު

އެއާޕޯޓުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ތެރޭގައި އެއާޕޯޓުން 1033 ފްލައިޓް މޫވްމަންޓް ހަދާފައިވެ އެވެ. މީގެ ތެރޭގައި ޑޮމެސްޓިކް ދަތުރުތަކާއި ބައިނަލްއަގުވާމީ ދަތުރުތައް ވެސް ހިމެނެ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު 1ގައި ރަސްމީކޮށް ހުޅުވި އެއާޕޯޓަކީ މިހާރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ފިޔަވައި އެންމެ ގިނަ ޕްރައިވެޓް ޖެޓް ޖައްސާ އެއާޕޯޓެވެ. އެ އެއާޕޯޓު ބޭނުންކުރަން ފަށާފައިވަނީ މި އަހަރުގެ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

މުމްތާޒު ވިދާޅުވީ ޖުލައި 15ގައި ބޯޑަރު އަލުން ހުޅުވިފަހުން 248 ޖެޓް ޖައްސާފައިވާ ކަމަށެވެ. މީގެ ތެރެއިން މިދިޔަ މަހު އެކަނި 109 ޖެޓް ޖެއްސި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާރު ވެސް އެވްރެޖްކޮށް ދުވާލަކު 5-6 ޕްރައިވެޓް ޖެޓް އެބަ ޖައްސާ. މިވަގުތު ވެސް ހަތް ޖެޓް ޕާކުކޮށްފައި އެބައޮތް،" މުމްތާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މިއަދާ ހަމަޔަށް 30 ޖެޓް ޖައްސާފައިވާ ކަމަށެވެ.

މާފަރު އެއާޕޯޓް އޮންނަ ސަރަހައްދަކީ ރާއްޖޭގެ ނިސްބަތުން ވެސް އެންމެ އަގު ބޮޑު ރިސޯޓުތައް ހިންގާ ސަރަހައްދެވެ. އެ ގޮތުން ވެލާ ޕްރައިވެޓް އައިލެންޑާއި ޝެވަލް ބްލޮންކް ރަންދެލި އަދި ސޮނެވޭ ޖާނީ ފަދަ އަގު ބޮޑު ރިސޯޓުތަކަށް ވަރަށް ގިނަ މުއްސަނދިން ޗުއްޓީ ހޭދަކުރަން ދަތުރުކުރެ އެވެ.

ނ. މާފަރު އެއާޕޯޓަށް ޖައްސާފައިވާ ޕްރައިވެޓް ޖެޓްތަކެއް. އެ އެއާޕޯޓަށް ޖައްސާ ޖެޓްތަކުގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި. ފޮޓޯ: މާފަރު އެއާޕޯޓު

"މިވަގުތު އެންމެ ބޮޑު ދަތިކަމަށް މިއުޅެނީ މަތިންދާބޯޓަށް ތެޔޮ އެޅޭނެ ގޮތެއް ނެތުން. އެކަން ކުރަން ތައްޔާރުވަމުންދަނިކޮށް ކޮވިޑް ކަންތަކާއެކު ބޯޑަރު ބަންދުކުރަން ޖެހުނީ. މިހާރު އަލުން އެ މަސައްކަތް ކުރިޔަށް ގެންދާ ގޮތަށް އޮތީ،" މުމްތާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ އެއާޕޯޓުގައި 200،000 ލީޓަރުގެ ތެޔޮ ރައްކާކުރެވޭނެ ވަގުތީ ފެސިލިޓީއެއް ހެދުމުގެ މަސައްކަތް ކުރިޔަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފަށާނެ ކަމަށެވެ. އެ ޕްރޮޖެކްޓަށް ހައެއް މިލިއަން ރުފިޔާއެއް ހަރަދުވާނެ ކަމަށް މުމްތާޒު ވިދާޅުވި އެވެ.

"މިތަނުގެ އެކްސްޕޭންޝަން ޕްރޮޖެކްޓެއް ކުރިޔަށް ގެންދާ ގޮތަށް އޮތީ. އެހެންވީމަ އެ ޕްރޮޖެކްޓާއެކީ ފިއުލް ފާމެއް އަންނާނެ،" އޭނާ ވިދާޅުވި އެވެ.

ނ. މާފަރު އެއާޕޯޓަށް ޖައްސާފައިވާ ޕްރައިވެޓް ޖެޓްތަކެއް. އެ އެއާޕޯޓަށް ޖައްސާ ޖެޓްތަކުގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި. ފޮޓޯ: މާފަރު އެއާޕޯޓު

ކުރީ ސަރުކާރުން މާފަރު އެއާޕޯޓު ތަރައްގީކުރީ އެއާބަސް އޭ320 އާއި ބޮއިން 737ގެ ބޯޓުތައް ވެސް ޖެއްސޭ ގޮތަށެވެ. މިގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓަށްފަހު އެންމެ ބޮޑު ރަންވޭއެއް ވެސް ހަދާފައި ވަނީ މާފަރު އެއާޕޯޓުގަ އެވެ. އެ 3،600 މީޓަރުގެ ރަންވޭ އެކެވެ.

އެއާޕޯޓަށް މިހާރު ވަނީ ޕާކިން ޖާގައިގެ މައްސަލަ ވެސް ކުރިމަތިވެފަ އެވެ. އެ މައްސަލައަށް ވެސް ހައްލެއް ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.