ރާއްޖޭގެ ޓޫރިޒަމް ފުޅާވެ އެހެން މީހުންގެ ޖީބަށް ޑޮލަރު ވަނަސް، އައްޑޫ މީހުންގެ ޖީބަށް ޕައުންޑު ވައްދައިދޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އައްޑޫގައި ބޭއްވި ބްރިޓިޝް ލޯޔަލްޓީ ޝިޕްވްރެކަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ޑައިވް ހަރަކާތް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އައްޑޫ ރައްޔިތުންގެ ޖީބަށް ވަންނާނީ ޑޮލަރު ކަމަށް މިނިސްޓަރު ވިދާޅުވީ އިނގިރޭސިވިލާތު ރޯޔަލް އެއާފޯސްގެ ސިފައިން ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ސ. ގަމުގައި ބޭސް ހަދައިގެން ތިބިއިރު، އައްޑޫ އަދި އެންމެ ދެކުނުގެ އަތޮޅުތަކުގެ މީހުންނަށް ޕައުންޑުން އާމްދަނީ އޭރު ލިބުމާ ގުޅުވައިގެންނެވެ. އައްޑޫގެ ބައެއް މީހުން އެ ދުވަސްވަރު ޕައުންޑުން އާމްދަނީ ހޯދައި، ޓޫރިޒަމާއި އެހެނިހެން ވިޔަފާރިތަކުގައި އެ އަތޮޅުގެ ވިޔަފާރިވެރިން ވަނީ އިންވެސްޓްކޮށްފަ އެވެ.

ޓޫރިޒަމް މިނިސްޓަރ ވިދާޅުވީ އަޅުގަނޑުމެން އާންމުކޮށް ވާހަކަ ދައްކާއިރު ކިޔަނީ ރައްޔިތުންގެ ޖީބަށް ޑޮލަރު ވަންނަ ވާހަކަ ކަމަށާއި އެހެން ނަމަވެސް އައްޑޫސިޓީގައި އަޅުގަނޑު ދަންނަވާނީ ރައްޔިތުންގެ ޖީބަށް ޕައުންޑް ވަންނާނެ ކަމަށެވެ.

"އައްޑޫ ސިޓީގެ ބޭފުޅުންނަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ތަފާތު ގޮތްގޮތުން ގުނާލެވޭ ބައެއް.. މިއަތޮޅުގައި އޮތް ދެ ރިސޯޓު ބަންދުވެފައި އޮތަތީވެ އަޅުގަނޑުމެން މިދަނީ އެތަންތަން ހުޅުވުމުގެ މަސައްކަތް ކުރަމުން. އެތަން ހުޅުވުމަށް ކުރާ މަސައްކަތާއެކު ގޭން އިންޓަނޭޝަނަލް އެއާޕޯޓަށް ބޯޓު ޖެއްސޭނެގޮތް ހެދުމުގެ މަސައްކަތްވެސް މިދަނީ ކުރަމުން. މިދެކަންތައް އެކުއެކީގައި ހިނގައިގެން މިކަންތައް ކާމިޔާބުކޮށް ކުރިއަށް ގެންދެވޭނީ. ފަތުރުވެރިކަމުގެ ރަންއަހަރު ފާހަގަކުރާއިރު އަޅުގަނޑުމެން އައްޑޫގެ ރައްޔިތުންގެ މޫނު މައްޗަށް ހިނިތުންވުން ގެނެސްދޭނަން،" ޑރ. މައުސޫމް ވިދާޅުވި އެވެ.

އެ ވާހަކައާ ގުޅުވައިގެން މިނިސްޓަރު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އައްޑޫއަށް ޓޫރިޒަމުން ޕައުންޑު ވަންނާނެ ބުނި ބަހުގެ މާނައަކީ އެންމެ "ބޯކޮށް" އަންނަ ފަތުރުވެރިންގެ ތެރޭގައި އިނގިރޭސިން ހިމެނޭނެ ކަމަށް ބެލެވޭ ވާހަކަ ކަމަށެވެ.

ޓޫރިޒަމް މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މައި ހަރަކާތްތައް މި އަހަރު ބާއްވާނީ އައްޑޫގައި ކަމަށް ވިދާޅުވެފަ އެވެ.

"އައްޑޫސިޓީ 2021 ވަނަ އަހަރު ޓުއަރިޒަމްގެ އެންމެ އިސް ހަރަކާތްތަކެއް ގެންދާނެ ސިޓީއެއްގެ ގޮތުގައި، އަޅުގަނޑަށް މިހާރު ޔަގީންވެ ކަށަވަރުވެއްޖެ. އިރާދަ ކުރެއްވިއްޔާ އެކަންތައް އެހެންވާނެ. މިއަހަރު އަޅުގަނޑުމެން ފަތުރުވެރިކަމަށް ބާއްވާ އެންމެ ފުރަތަމަ ހަރަކާތް މިބޭއްވެނީ އައްޑޫގައި. ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހަކީ ރައްޖޭގައި ވަރަށް ކުލަގަދަކޮށް ފާހަގަ ކުރާ ދުވަހެއް. މިދިޔަ އަހަރު ފަނޑުކޮށް ފާހަގަކުރުމުގެ ފުރުސަތު ލިބުނީ. އެހެންނަމަވެސް ސިޓީގެ މޭޔަރ އަޅުގަނޑުމެންނަށް އެ ދެއްވި ދައުވަތު ބަލައިގަނެ އިރާދަ ކުރެއްވީޔާ، ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ރާއްޖޭގައި ފާހަގަކުރާއިރު މައި ހަރަކާތްތައް ގެންދާނީ އައްޑޫސިޓީގައި،" ޑރ. މައުސޫމް ވިދާޅުވި އެވެ.

ބްރިޓިޝް ލޯޔަލްޓީ ފައްތާލިތާ 75 އަހަރު ފުރުމުގެ ހަރަކާތް މިއަދު އިފްތިތާޙް ކޮށްފައިވާއިރު، މިހަރަކާތުގައި ރައްޖެއަށް ނިސްބަތްވާ 75 ޑައިވަރުން މިސަރަހައްދަށް ޑައިވް ކޮށްފައިވެ އެވެ. އެގޮތުން އައްޑޫ އަށް ނިސްބަތްވާ ގިނަ އަދަދެއްގެ ޑައިވަރުންގެ މިހަރަކާތުގައި ބައިވެރިވެފައެވެ. އަދި އަންނަ މާޗު މަހު މިހަރަކާތުގެ ތެރެއިން އިނގިރޭސި ވިލާތުން ޑައިވަރުން ގެންގޮސްގެން ބާއްވާ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.