އޭބީޔޫ މީޑިއާ ސަމިޓް 2023 ގެ ޕްލެޓިނަމް ޕަރޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

ދުނިޔޭގެ އެންމެ ބޮޑު ބްރޯޑްކާސްޓިން ޔޫނިއަން އޭޝިޔާ- ޕެސިފިކް ބްރޯޑްކާސްޓިން ޔޫނިއަން (އޭބީޔޫ) އަދި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ގުޅިގެން މިހާރު ކުރިއަށް ރާވާ އިންތިޒާމްކޮށްގެން ބާއްވާ މި ސަމިޓް ކުރިއަށް ދާނީ މިއަދުން ފެށިގެން މާދަމާ ނިޔަލަށް ކްރޮސްރޯޑްސް މޯލްޑިވްސްގަ އެވެ.

މި އަހަރުގެ އޭބީޔޫ ސަމިޓްގެ ޝިއާރަކީ "ފްރޮމް އެޓޯލްސް ޓު އާލްޕްސް އެންޑް އެރިޑް ލޭންޑްސް: ކޮމިއުނިކޭޝަން ދަ ކްލައިމެޓް ޗޭންޖް ޗެލެންޖް" އެވެ. މިގޮތުން ސަމިޓްގައި މައިގަނޑުގޮތެއްގައި އަލިއަޅުވާލާނީ މޫސުމަށް އަންނަ ބަދަލުތަކާއި އެކި ކާރިސާތަކުން ރައްކާތެރިވުމަށް ކުރަންޖެހޭ މަސައްކަތުގެ މަޢުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމުގައި މީޑިއާގެ ދައުރަށެވެ.

މީގެ އިތުރުން ކްލައިމެޓް ސައިންސްގެ އެންމެ ފަހުގެ ހޯދުންތަކާއި ބްރޯޑްކާސްޓަރުންނަށް މި މައުލޫމާތު ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތަކާއި އެ މައުލޫމާތާއި ވަށައިގެންވާ ތަފާތު މައްސަލަތަކާ ބެހޭ ގޮތުން ވެސް މި ސަމިޓްގައި ވާހަކަދެކެވޭނެ އެވެ.

ދިރާގުން މަސައްކަތަކުރަމުން ދަނީ ތިމާވެށީ ހިމާޔަތްކުރުމަށް އިސްކަންދީގެން ބާއްވާ މަސައްކަތްތަކަށާއި އެކި ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އަދި މިއީ އެކުންފުޏީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ޕްރޮގްރާމްގެ މައިގަނޑު އެއް އަމާޒު ވެސްމެ އެވެ.