މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ސީއެންއެން އިންޓަނޭޝަނަލް ކޮމާޝަލްއާ އެކު އިޝްތިހާރުކުރުމާއި ބްރޭންޑެޑް ކޮންޓެންޓް ހެދުމުގެ ޕާޓްނަޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެމްއެމްޕީއާރުސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްއެމްޕީއާރުސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ތޮއްޔިބު މުހައްމަދު އާއި ސީއެންއެންގެ ފަރާތުން ސީއެންއެން އިންޓަނޭޝަނަލް ކޮމާޝަލްގެ ޑިރެކްޓަރު - ސޭލްސް އަބިޖީތު ދަރު އެވެ. މި ގްލޯބަލް ކެމްޕޭން ކުރިއަށް ދާނީ 2023 ވަނަ އަހަރުގެ މޭ މަހާއި، ޖޫންމަހުގެ ތެރޭގަ އެވެ.

އެމްއެމްޕީއާރުސީން ބުނީ މި ކެމްޕޭނުގައި ރާއްޖޭގެ ޖަޒީރާ ރައްތަކުގެ ގުދުރަތީ ރީތިކަމާއި ތިމާވެށީގެ ބަޔޯޑައިވަރސިޓީ ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތައް، ހާއްސަކޮށް މި ރޮނގުން ހިންގާ މަޝްރޫޢުތަކަށް އަޅިއަޅުވާލާ، ޕްރޮމޯޓުކޮށް، އެންވާރަމަންޓަލީ-ކޮންޝަސް ފަތުރުވެރިންނަށް ހިދުމަތް ދިނުމުގައި ރާއްޖެއިން ހިންގާ ހަރަކާތްތައް ޕްރޮމޯޓުކުރާނެ ކަމަށެވެ. މިގޮތުން، ރީސައިކަލްކޮށްފައިވާ ރިސޯޓް އިންޓީރިއާތަކުން ފެށިގެން ވޮލަންޓިއަރުން ހިންގާ ކޮންޒަވޭޝަން ޕްރޮގްރާމްތަކަށާއި މިފަދަ ކަންކަމަށް މުޖުތަމައުއިން ދޭ ސަމާލުކަމަށް އަލިއަޅުވާލާނެ ކަމަށްވެސް އެމްއެމްޕީއާރުސީން ބުންޏެވެ. އަދި މި ކެމްޕޭނުގައި ރާއްޖޭގައި ދެމެހެއްޓެނިވި ފަތުރުވެރިކަމާއި ސަގާފަތް ރައްކާތެރިކުރުން ހަރުދަނާ ކުރުމަށް މަސައްކަތް ކުރާ ރައްޔިތުންނަށް ޙާއްސަކޮށް އަލިއަޅުވާލާނެ އެވެ.

މި ޕާޓްނަޝިޕާ ބެހޭ ގޮތުން އެމްއެމްޕީއާރުސީގެ އެމްޑީ ތޮއްޔިބު ފާޅުކުރެއްވި ގޮތުގައި ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުވުމުގައި ރާއްޖެ ވަނީ ކުރީ ސަފުގާ ކަމަށެވެ. އަދި މި މަސައްކަތުގައި ރާއްޖެއިން ނަގާކިޔާލެވޭ ދިވެހިން ފާހަގަކޮށް، ޕްރޮމޯޓްކުރަންވީ ވަގުތު ކަމަށް ތޮއްޔިބު ވިދާޅުވި އެވެ. ތޮއްޔިބު އިތުރަށް ވިދާޅުވީ ސީއެންއެންއާއެކު ވެފައިވާ އެއްބަސްވުމަކީ ދުނިޔޭގެ ބޮޑު އޯޑިއަންސަކަށް ވާސިލްވުމަށް އެހީތެރިވެދޭނެ އެއްބަސްވުމެކެވެ.

އަބިޖީތު ދަރު މި ޕާޓްނަޝިޕާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވީ ރާއްޖޭގެ ގުދުރަތީ ރީތިކަން ދެމެހެއްޓުމަށް ކުރާ މަސައްކަތަކީ ވަރަށް ފުރިހަމަ، ދުނިޔެ ހައިރާންކުރުވާ ފަދަ މަސައްކަތްތަކެއް ކަމަށެވެ. އަދި ސީއެންއެންގެ ސްޓޯރީ ޓެލިންގ އާއި އެންގޭޖިންގ ބްރޭންޑެޑް ކޮންޓެންޓަކީ ތިމާވެށްޓަށް ސަމާލުކަންދޭ ދަތުރުވެރިންގެ މެދުގައި ދެމެހެއްޓެނިވި މަންޒިލެއްގެ ގޮތުގައި ރާއްޖެ އިތުރަށް ޕްރޮމޯޓުކުރުމަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށްވެސް ފާހަގަކުރެއްވި އެވެ.

މި ކެމްޕޭންގެ ތެރޭގައި ސީއެންއެން އިން ޑިޖިޓަލް އަދި ބްރޯޑްކާސްޓް މީޑިއަމްތަކުގައި "ދަ ޖަރނީ މެޓަރސް އިން 2023" ގެ ޝިއާރުގެ ދަށުން ޑެޑިކޭޓެޑް ކޮންޓެންޓް ދައުރު ކުރާނެ އެވެ. މީގެ ތެރޭގައި ލިޔުންތަކާއި ވީޑިއޯތަކާއި އިޝްތިހާރުތަކާއި ސޯޝަލް މީޑިއާ ޕޯސްޓްތައް ހިމެނެ އެވެ.

މިއީ ސީއެންއެންއާ ގުޅިގެން ރާއްޖެ ޕްރޮމޯޓުކުރުމަށް އެމްއެމްޕީއާރުސީއިން މަސައްކަތް ކުރާ ހަތަރު ވަނަ ފަހަރެވެ. މީގެ ކުރިން ދުނިޔޭގެ ބާޒާރުގައި ރާއްޖޭގެ ޕްރެޒެންސް ދެމެހެއްޓުމަށް ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ގި ކާމިޔާބު ތިން ކެމްޕޭން ހިންގާފައިވެއެވެ. މި ކެމްޕެއިންތަކުގެ ތެރެއިން ބެލުންތެރިންނާއި ކިއުންތެރިން ޝައުގުވެރިވާފަދަ ކޮންޓެންޓް ސީއެންއެންއިން ބިނާކޮށް، ބައިނަލްއަޤްވާމީ ދަތުރުވެރިންނަށް ރާއްޖޭގެ ހޯލިސްޓިކް އެލިމެންޓް ޕްރޮމޯޓުކުރެ އެވެ.