ކ. ތިލަފުށީގެ ބޮޑު ދެ ބިމެއް 228 މިލިއަން ރުފިޔާއަށް ވިލާ ޝިޕިން ކުންފުނިން ގަނެފި އެވެ.

ސިވިލް ކޯޓުން ކުރި ހުކުމެއްގައި ވާގޮތުން ވިލާ ޝިޕިން ކުންފުނިން ގަނެފައިވަނީ 393،212 އަކަފޫޓުގެ ބިމަކާއި 156،693 އަކަފޫޓުގެ ބިމެކެވެ.

ވިލާގެ ފަރާޔުން އާބަންކޯއަށް 228 މިލިއަނަށް ވުރެ ރުފިޔާ ދައްކާފައިވާތީ ސިވިލް ކޯޓުން މިއަދު ވަނީ އެ ދެ ބިން ވިލާ ޝިޕިން ކުންފުންޏަށް މިލްކުވެފައިވާ ކަމަށް ކަނޑައަޅައި ހުކުމްކޮށްފަ އެވެ.

މިހާރުވެސް ވިލާ އިން އަންނަނީ ތިލަފުށީގައި ސިނާއީ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ވިލާ ސިމެންތި ޕެކްކުރަނީ ވެސް ތިލަފުށީގަ އެވެ.

ތިލަފުށިން ބީލަމުގެ އުސޫލުން ބިން ވިއްކަން އެޗްޑީސީން އިއުލާންކުރީ މި އަހަރު ކުރީކޮޅު އެވެ. އިންޑަސްޓްރިއަލް ހަބެއްގެ ގޮތުގައި ތިލަފުށި ތަރައްގީކުރުމުގެ މާސްޓަޕްލޭނެއް އެކުލަވާލައި، ތިލަފުށި ބޮޑުކުރުމުގެ ގޮތުން ބިން ހިއްކުމަށް ވެސް މިހާރު ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ.